މަރުތައް ތަހުގީގުކުރާ ކޮމިޝަން

ދެމީހަކު ހޯދަނީ އަފްރާޝީމްގެ މަރުގެ މައްސަލައިގައި!

އަހުމަދު ޖައިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ދެ މީހަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލައާ ގުޅުވައިގެން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ހޯދަމުންދާ ދެމީހުންނަކީ އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ހޯދާ ދެމީހުން ކަމަށް ބުނެފައިވަނީ އެކަމާ ގުޅިގެން ޓްވިޓާގައި ސުވާލުކުރުމުންނެވެ.

އެ ކޮމިޝަނުން ވަނީ ދެމީހަކު ހޯދުމަށް އިއުލާނުކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ.

ކޮމިޝަނުން ބުނީ އެ ވީޑިއޯއިން ފެންނަނީ އެކެއް އޮކްޓޯބަރު 2012 ވަނަ އަހަރު ހޯމަ ދުވަހުގެ ރޭ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރަންޓްގެ ހުޅަނގުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވި، ހ. ފުންވިލުގޭ ސިޑީކައިރީގައި އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު 2012 ވަނަ އަހަރުގައެވެ.