މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކޮމިޝަނުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ހޯދަމުންދާ ދެމީހުން ފެންނަ މަންޒަރުތަކެއް ވަނީ އާންމުކޮށްފައެވެ.
ކޮމިޝަނުން ބުނީ އެ ވީޑިއޯއިން ފެންނަނީ އެކެއް އޮކްޓޯބަރު 2012 ވަނަ އަހަރު ހޯމަ ދުވަހުގެ ރޭ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރަންޓްގެ ހުޅަނގުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ.
އަދި އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ ހިމަނައިގެން 24 މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 30ގައެވެ.
އެ މައްސަލަތަކުގެ ތެރޭގައި ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލަ އާއި އްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެއެވެ.