އަހްމަދު އަދީބު އަބްދުލްގަފޫރު

ދުރާލައި ނާންގާ ޖަލަށް ގެންދިއުމަކީ އަދީބަށާއި އާއިލާއަށް ދެވޭ ނަފުސާނީ އަނިޔާއެއް: އާއިލާ

ޝަހީދާ އަބްދުﷲ ސައީދު

ޖަލަށް ގެންދިއުމުގެ ކުރިން ދުރާލައި އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އާއިލާއަށް ނާންގާ ގެންދިއުމަކީ އަދީބަށާއި އާއިލާއަށް ދެވޭ ނަފުސާނީ އަނިޔާއެއް ކަމަށް އާއިލާއިން ބުނެފިއެވެ.

އަދީބުގެ އާއިލާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގައި އަދީބަށް ފަރުވާ ދެމުންދަނިކޮށް ޑިސްޗާޖުކުރިކަން އާއިލާއަށް ނާންގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން ގަދަބާރުން އަނބުރާ އަދީބު ޖަލަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އަދީބު ޖަލަށް ގެންދިއުމަށް ބަލައި ދިޔަ ފުލުހުން އަދީބާމެދު އަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި މުޚާތަބުކުރީވެސް ވަރަށް ހަރުކަށިކޮށް ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އަދީބު ޖަލަށް ގެންދިޔައީ ހޮސްޕިޓަލުގެ ވަލު ދޮރާށިން ނެރެގެން ކަމަށާއި އޭގެ ފަހުންވެސް އެދޮރާށި ހުންނަނީ ތަޅުލާފައި ކަމަށެވެ. އެހެންކަމުން އަދީބު ޖަލަށް ގެންގޮސް އަދީބާމެދު އަމަލުކުރަމުންދަނީ ކޮން އުސޫލަކުންކަން ނޭނގޭތީ އާއިލާއިން ކަންބޮޑުވާކަމަށެވެ.އަދި އަދީބަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށް އާއިލާއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެބަޔާނުގައި ވަނީ އަދީބުގެ ބޭސްފަރުވާ އެއްކޮށް ފުރިހަމަކޮށް، އަދީބުގެ ބަލިތައް ރަނގަޅުވާނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްކަށް ގޮވާލާފައެވެ.

އަދީބު އަނބުރާ ޖަލަށް ގެންދިޔަ މައްސަލައިގައި ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ އަދީބު ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ތަފާތުއެކި ކުށްތަކުގައި ޖުމްލަ 33 އަހަރަށް ޖަލަށް ހުކުމް އިއްވާފައިވާ ބޭފުޅެކެވެ.