ޕީޕީއެމް

މުންދު ރައީސް މައުމޫނަށް: ޕާޓީ އަތުލަން ތިކުރާ މަސައްކަތް ހުއްޓާލައްވާ

ޕީޕީއެމް ހޯދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ފައްޓަވާފައިވާ މަސައްކަތް ހުއްޓާލުމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގޮވާލައްވައިފިއެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ ޕީޕީއެމްގެ އައިޑެންޓިޓީ އެހެންބަޔަކު ވަގަށް ނަގައިފިނަމަ ދެން ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ އޮޕޮޒިޝަނަކީ ހަމައެކަނި އަޅުގަނޑުމެންނޭ. އެހެންވީމަ އަޅުގަނޑުމެން އޮޕޮޒިޝަންގެ ގޮތުގައި މަސައްކަތްކުރުމަށް ހުރަސްއެޅޭ ކޮންމެ ކަމަކީ ޑިމޮކްރެސީއާ ޚިލާފު އަމަލެއް ކަމަށް އަޅުގަނޑު ދެކެމޭ. އެކަން ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން ހުއްޓާލެއްވުމަށް އަޅުގަނޑު އިޚްލާސްތެރިކަމާއެކު ގޮވާލަން،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވިގޮތުގައި ރައީސް މައުމޫނަކީ ވެސް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ބައިއެޅޭނެ" ބޭފުޅެކެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ވެސް އެ ސަރުކާރުން "ބައިއެޅޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޕީޕީއެމް ކަމަށާއި ރައީސް މައުމޫން ޕީޕީއެމް އަތުލައިފިނަމަ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމަށް މުންދު ވިދާޅުވިއެވެ.

"މި ޕާޓީގެ އައިޑެންޓިޓީ އެހެން ބަޔަކު ވަގަށްނަގައިފިއްޔާމު ދެން ރާއްޖޭގައި އޮޕޮޒިޝަން ޕާޓީއެއް ނޯންނާނެ. އަޅުގަނޑުމެން އޮޕޮޒިޝަންގަ ތިބޭނަން. އެހެންނަމަވެސް އޭރުން ތިބޭނީ އިންޑިވިޖުއަލް ހައިސިއްޔަތަކުން. އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ ކޮންމެވެސް ހައިސިއްޔަތެއް ހޯދަން،" މުންދު ވިދާޅުވިއެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭނެ ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ ޑިމޮކްރެސީއަށް ވަކާލާތު ކުރި ފަރާތްތައް ކަމަށް މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެސީގެ އަސާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަސާސަކީ ސަރުކާރު ޒިންމާދާރު ކުރުވާނެ ބައެއް އޮތުން ކަމަށެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭކަން. މައިނޯރިޓީއެއް ކަމަށްވަންޏާ މައިނޯރިޓީއެއްގައި ތިބިބައެއްގެ ހައްގުތަކެއް އޮންނާނެކަން. އެމީހުން ތަމްސީލުކުރާ ބައެއްވެސް އޮންނަންޖެހޭނެކަން. ސަރުކާރެއް ޒިންމާދާރު ކުރުވާނެ ބައެއްވެސް އޮންނަންޖެހޭނެކަން. މިއީ ޑިމޮކްރެސީގަ އޮންނަ އަސާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަސާސް ދެއްތޯ،" މުންދު ވިދާޅުވިއެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕީޕީއެމްގެ މިހާރުގެ ލިޑާޝިޕަށް ދިނުމަކީ ޑިކޮމްރެސީގެ އުސޫލުތަކުގެ ތެރެއިން ކޮންމެހެން ވެސް ވާންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން ކުރަމުންދާ މަސައްކަތަށް ކޯޓުތައް މެދުވެރިކޮށް ރައީސް މައުމޫން ހުރަސްއަޅަން އުޅޭ ކަމަށް ވެސް މުންދު ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސްއަޅަން މިދެންނެވިގޮތަށް ކޯޓުތެރެއިން ނޫންނަމަ އެހެންގޮތަކުން ކުރާ މަސައްކަތަކީ ޑިމޮކްރެސީއާ ޚިލާފަށް ކުރެވޭ މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން އެކުރައްވާ ކަންތައްތަކުން އަޅުގަނޑަށް ދޭހަވަނީ ޑިމޮކްރެސީގެ މުހިންމު އަސާސަކަށް އެބޭފުޅުން ފުރަގަސް ދެއްވަނީ ކަމަށް،" މުންދު ވިދާޅުވިއެވެ.

މުންދު މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުންނެވެ. އެ ހުކުމަކީ ރައީސް ޔާމީން ވެރިކަމުގެ އާރާއި ބާރު ބޭނުންކުރައްވައިގެން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ހޯއްދެވި ހުކުމެއް ކަމަށް ރައީސް މައުމޫނަށް ތާއީދު ކުރާ ބޭފުޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.