ގާނޫނު އަސާސާއާއި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީން އެއްބާރުލުން ދޭނީ ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން ކުރެވިފައިވާ އަހުދާއި ވައުދުތަކުގެ ތެރެއިން ދާ ކަމަށްވާނަމައެވެ.
"އަޅުގަނޑުމެން ދެއްކި އަހުދާއި ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން މިތިބީ އަޒުމު ކަނޑައަޅައިގެން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެ އަހުދާއި ވައުދު ފުއްދުމަށްޓަކައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ގާނޫނު އަސާސީއާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިހާރު ވެސް އަރުވަން. އެކަމަކު އެއީ ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވިފައިވާ އަހުދާއި ވައުދުތަކުގެ ތެރެއިން ދާ ކަމަށްވާނަމަ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދާއި އަހުދު ފުއްދުމަށްޓަކައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ޖޭޕީން ޖޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށާއި ނަމަވެސް އެކަން ކުރުމުގައި މައިނޯރިޓީއަކަށްވެ، ބޭރަށް އުކައިލެވިގެންދާ މަންޒަރު ދެކޭ ހިތް ނުވާ ކަމަށެވެ.