މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށްދާނީ ވަކި ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް އެކަކު އަނެކަކު ބަލައިގަނެ، އިހުތިރާމުކުރަން ޖެހޭ ކަމަށެވެ.
"މަޝްވަރާ ކުރެވިގެން ހިނގާ ކަންތައްތަކުގެ އުސޫލު އަޅުގަނޑުމެންގެ ތެރޭގައި ގާއިމުވެގެން ދާނީ ވަކި ބަޔަކަށް މެޖޯރިޓީ ލިބިގެން ނުދިއުން. އެންމެން ކަލެކްޓިވްކޮށް އަޅުގަނޑުމެން ކުރި މަސައްކަތް، އަޅުގަނޑުމެންގެ ވެރިކަން ގެނައި ފަދައިން އެބީދައިން އަޅުގަނޑުމެންގެ ތެރެއިން ކަންތައްތައް ހިނގައިދިޔައީމާ ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ބަލައިގަންނަން އެބަޖެހޭ، އިހުތިރާމު ކުރަން އެބަޖެހޭ. އެހެންނޫނިއްޔާ މަށަށް ވުރެ ބާރުގަދަ މީހަކު ނެތިގެން، ދެއަތް ފުޅާ ކުރާނެ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު ފެންނަނީ މަހުޖަން ނުވަތަ ސޭޓޭ ކިޔާ ތަން ކަމަށާއި މި ގައުމުގައި އެމީހެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑުވި ވަރަކަށް އެމީހަކު މިގައުމު ކުރިއަރުވަން ބޭނުންވާނެ ކަމަށެވެ.
"މިހާރު މި ފެންނަނީ މަހުޖަނު ކިޔާ ތަން. ނޫނީ ވިއްޔާ ސޭޓު ކިޔާ ތަން. ދެން އެއީ އަޅުގަނޑާ ދިމާއަށް ކިޔާ އެއްޗެއް ކަމަށްވެސް ވެދާނެ ކަންނޭނގެ. އަދި އެހެން އެއްޗެހި ވެސް ކިޔާތީ އަޑުއިވޭ. ފާޑުފާޑުގެ ބޮލުގެ ވާހަކައާއި އެހެން އެއްޗެއްގެ ވާހަކައާ. މި ގައުމުގައި އެމީހެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑުވި ވަރަކަށް އެމީހަކު މިގައުމު ކުރިއަރުވަން ބޭނުންވާނެ. މި ގައުމުގައި މީހެއްގެ މަސްއޫލިއްޔަތާއި ޒިންމާ ކުޑަވި ވަރަކަށް މިތަނަށް ކޮންމެ ގޮތެއްވެސް ވަރިހަމަ ވާނެ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަމެއް ބޭނުންވީމާ ނުވަތަ ކެމްޕޭނެއްގައި ތާއީދު ބޭނުންވީމާ މަހުޖަނުން ވެސް ރަނގަޅުވާ ކަމަށާއި ނަމަވެސް އެކަމެއް ފުރިހަމަވީމާ ދެން އެމީހުންގެ ބޭނުން ކެނޑިގެންދާ ކަމަށެވެ.
"ޗަމްޕާ އަފީފު ވެސް ރަނގަޅު، އުއްޗު ވެސް ރަނގަޅު، ބުރުމާ ގާސިމް ވެސް ރަނގަޅު، ޔުނިވާސަލް މުހައްމަދު އުމަރު މަނިކު ވެސް ރަނގަޅު، ކްރައުން ނަޒީރު ވެސް ރަނގަޅު ދެން ހުރި މީހަކު ވެސް ރަނގަޅު. ކަމެއް ހޯދަން ވީމާ، ކަމަކުން މޮޅު ހޯދަން ބޭނުންވީމާ، ކަމަކަށް ކެމްޕޭނެއް ކުރަންވީމާ ނޫނީ އެހެން ކޮންމެވެސް މަސައްކަތެއް ކުރަންވީމާ، ތާއީދު ހޯދަންވީމާ ރަނގަޅު. ހަމަ ކަމެއް ނިންމާލާފައި، ނޫނޭ ތިމަންނަމެން ބޭނުމެއް ނޫނޭ މިހާރު ދެން ހަޑިހުތުރު އެއްޗެހި،" އޭނާ ވިދާޅުވިއެވެ.