ގާސިމް އިބްރާހިމް

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ނަޝީދު ދެއްކެވި ވާހަކަފުޅަށް ގާސިމް ރައްދުދެއްވައިފި

ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދުދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަންދޮރު އޮޅުންނުފިލާ ކުޑަކުދިން ކައިރީ ދައްކާ ވާހަކަ މިއަދުގެ ތައުލީމީ ދުނިޔޭގައި ދެއްކީމަ ރަނގަޅެއް ނުވާނެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް މިއަދު ތަންދޮރު ވަރަށް ސާފުކޮށް ތަންދޮރު އޮޅުންފިލައިގެންދާ ކަމުގެ ހެކި އަޅުގަނޑުމެންނަށް މިއަދު ވަރަށް ރަނގަޅަށް އެބަ ފެނޭ. ބަޔަކު އޮޅުވާލަން ވާހަކަ ދެއްކިޔަސް، އަދި ކަންތައްތަކެއް މިވެނިހެން އެވެނިހެން ދާން ޖެހޭނެ ކަމަށް ބުނި ކަމުގައިވިޔަސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުން އެކަން ބަލައިނުގަންނަކަން ސާބިތުވެގެން އެބަދޭ. ތަންދޮރު އޮޅުންނުފިލާ ކުޑަކުދިން ކައިރީ ދައްކާ ވާހަކަ މިއަދުގެ ތައުލީމީ، މިއަދުގެ އެވެއާނަސް ދުނިޔޭގައި ދެއްކީމާ ރަނގަޅެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާއިރު މިނިސްޓަރުންނަށް ވެސް ތިބޭނީ ޕާލަމަންޓުގެ މެމްބަރުންގެ ގޮތުގައި ކަމަށެވެ. އަދި މިނިސްޓަރުން ކަމެއް ކުރީމާ، އެވާހަކަ ދައްކައި ޒިންމާދާރު ކުރުވަން ރައްޔިތުންގެ މަޖިލީހަށް ގެންދާ އިރު އެ ބޭފުޅުންނާ ސުވާލުކުރަން ތިއްބަވާނީ ކޮން ބައެއް ކަމާމެދު ވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެން އަހަން ޕާޓީއަކުން ބޭފުޅަކު ދައްކާ ވާހަކަ. ޑިމޮކްރެޓިކް ނިޒާމެއް ނުވަތަ ޖުމްހޫރީ ވެރިކަމަކުން ބަރުލަމާނީ ނިޒާމަކަށް ދިއުމުގެ ވާހަކަ. މިކަމުން ފައިދާވަނީ ކޮން ބަޔަކަށްތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާއިރު މިނިސްޓަރުންނަށް ވެސް ތިބޭނީ ޕާލަމަންޓުގެ މެމްބަރުން. ދެން މިނިސްޓަރުންނަށް ތިއްބަވާ ބޭފުޅުން ކަމެއް ކުރީމާ، އެވާހަކަ ދައްކަން ޒިންމާދާރު ކުރުވަން ރައްޔިތުންގެ މަޖިލީހަށް ގެންދާއިރު ކޮން ބައެއްތޯ ތިބޭނީ ސުވާލުކުރަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަށް ވެސް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި ރައްޔިތުންނަށް ލިބޭނީ ހަމައެކަނި މެމްބަރުން ހޮވުމުގެ ފުރުސަތު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ހޮވުމުގެ ފުރުސަތު ވެސް ރައްޔިތުންނަށް ނުލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.