އިންތިހާބީ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނޫން ކަމަށް ކަނޑައެޅުމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ، ހުށަހެޅި ހުށަހެޅުން ޕީޕީއެމްގެ މުޒާހަރާ އިން ފާސްކޮށްފިއެވެ.
އޮޅިވާލި ވޯޓުގެ ނަމުގައި ޕީޕީއެމް އިން މިހާރު ގެންދަނީ މުޒާހަރާތައް ކުރަމުންނެވެ. ޕީޕީއެމް އިން ބޭއްވި ފުރަތަމަ މުޒާހަރާގައި އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި މަންޒަރު ފެނިގެންދިޔަ އިރު، ރޭގެ މުޒާހަރާގައި ވެސް ފާހަގަކޮށްލެވޭ ކަމެއް ފެނިގެންދިޔައެވެ.
ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދިޔައީ ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް ހުށަހެޅި ހުށަހެޅުމެކެވެ. ނަމަވެސް ގިނަ ބަޔަކު އެކަން ފާހަގަކުރަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.
މުޒާހަރާގައި މުއާޒް ހުށަހެޅި ހުށަހެޅުމަކީ އިބޫއަކީ އިންތިހާބީ ރައީސް ނޫން ކަމަށް ކަނޑައެޅުމަށް ފާސްކުރުމަށެވެ. އެ ހުށަހެޅުން ހުށަހެޅުމަށްފަހު އެކަން ފާސްވި ކަންވެސް އޭނާ ވަނީ މުޒާހަރާގެ ތެރެއިން އިއުލާންކޮށްފައެވެ.
ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފައެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.
ކުރިން ރައީސް ޔާމީން ވެސް ނަތީޖާ ގަބޫލުފުޅު ކުރެއްވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލި ކަމަށް މިހާރު ޕީޕީއެމް އިން ދަނީ ބުނަމުންނެވެ.
އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް މިދިޔަ ހޯމަ ދުވަހު ވަނީ ލީކުވެފައެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެކެވެ. އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޕީޕީއެމުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ އޯޑިއޯ ކްލިޕްގައި ދެކެވުނު ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވާން ޖެހޭ ކަމަށާއި އެ މެންބަރުން ޖަވާބުދާރީ ވަންދެން މުޒާހަރާ ކުރަމުން ދިއުމަށް ގޮވާލާ ކަމަށެވެ.