ރައްޔިތުންގެ މަޖިލިސް

ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭގޮތް ހެދުމުން މަޖިލީހުގެ ރައީސްގެ ޝުކުރު އިނގިރޭސި ސަރުކާރަށް

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިންނަށް ފަސޭހައިން އިނގިރޭސި ވިސާ ލިބޭނެގޮތް ހައްދަވާފައިވާތީ، އިނގިރޭސި ސަރުކާރަށާއި އިނގިރޭސި ސަފީރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ޝުކުރު ދަންނަވައިފިއެވެ.

އިނގިރޭސި ސަރުކާރަށާއި އެގައުމުގެ ސަފީރަށް މަޖިލީހުގެ ރައީސް ޝުކުރު ދެންނެވީ، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޭމްސް ޑޯރިސް މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތަށް މަޖިލީހުގެ ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޖިލީހުގެ ރައީސް، ސަފީރަށް މައުލޫމާތު އަރުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެބައްދަލުވުމުގައި އިނގިރޭސި ސަފީރު ދެއްކެވި ވާހަކައިގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި، އިނގިރޭސިވިލާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މިބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އިނގިރޭސިވިލާތަށް ތައުލީމު ހާސިލުކުރުމަށް ދާ ދިވެހި ދަރިވަރުންނަށް ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވުމާ ގުޅިގެން ދިވެހި ދަރިވަރުންނަށް ވިސާގެ ކަންކަން ލުއިކުރުމަށް އިނގިރޭސި ސަރުކާރުން ވަނީ 17 ޖޫން 2018 ގައި ނިންމާފައެވެ.

އަދި 14 ޖުލައި 2018 ގައި އިނގިރޭސި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހުގެ ހެނދުނު 9.00 އިން ހަވީރު 5:30 އާ ހަމައަށް ވިސާ އެޕްލިކޭޝަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.