އިންސްޓަގްރާމްގައި ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ މޮޑެލް އަދި މޭކަޕް އާޓިސްޓު މިހުނާ އަހުމަދު ނުވަތަ މިހޫނާ އޭނާގެ ކަސްޓަމަރަކާ މެދު އަމަލުކުރި ގޮތާ ގުޅިގެން އޭނާ ހޫނުފެނަށް ވެއްޓި އިންޓަނެޓުގައި ބޮޑު މީމް އަކަށް ވެއްޖެ އެވެ.
ހުރިހާ މައްސަލައެއް ފެށިފައިވަނީ މިހޫނާ ގާތަށް މޭކަޕްކޮށް ފޮޓޯ ނެގުމަށް ދިޔަ ކަސްޓަމަރެއްގެ ހުއްދައާ ނުލައި ފޮޓޯތަކެއް ޕޯސްޓުކުރި މައްސަލައަކާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުތަކެއްގައިވަނީ މިހޫނާއާއި އެ ކަސްޓަމަރާ ދެމެދު ހިނގި މުއާމަލާތުގެ މައުލޫމާތެވެ. އޭގައި ބުނާގޮތުގައި އަންހެނެއް އޭނާގެ ކައިވެންޏަށް އެއް އަހަރު ފުރުމުގެ އުފަލުގައި ފޮޓޯ ޝޫޓެއް ކުރުމަށް މިހޫނާ ގާތުން އެދުނެވެ. ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު ނިންމީ ނަގާ ފޮޓޯތައް އިންޓަނެޓުގައި ޕޯސްޓު ނުކުރާށެވެ. އަދި އެކަމަށް މިހޫނާ ވަނީ އެއްބަސްވެސް ވެފައެވެ.
ފޮޓޯ އާންމު ކުރުމަށް ބޭނުން ނުވީ އެ އަންހެން މީހާ ފޮޓޯތައް ހަމައެކަނި ދައްކަން ބޭނުންވީ އޭނާގެ ފިރިމީހާއަށް ކަމަށާއި އާއިލާއިން އެ ޕޯސްޓުކުރުމާ ދެކޮޅުވާނެތީއެވެ. އެކަމަށް މިހޫނާ އެއްބަސްވެސް ވިއެވެ.
ނަމަވެސް އެ ފޮޓޯތައް އަންހެން މީހާގެ ހުއްދައާ ނުލައި ޕޯސްޓުކޮށްފައިވާއިރު އާންމުންގެ ނުރުހުން މިހޫނާއަށް ރައްދުވީ އެ މައްސަލައާ ގުޅިގެން އަމަލުކުރި ގޮތުންނެވެ.
މިހޫނާގެ ކަސްޓަމަރު އެދުނީ ފޮޓޯތައް ޕޯސްޓު ނުކުރުމަށެވެ. އަދި ކުރި ނަމަވެސް އެކަން ކުރާނީ މޫނު ނުފެންނަ ގޮތަށް ހަމައެކަނި ސްޓޯރީއަށް ލާގޮތަށް ކަމަށް އޭނާ ވަނީ މިހޫނާ ގާތު އެދިފައެވެ. ނަމަވެސް އެކަމާ ގުޅިގެން މިހޫނާ ބުނީ ފޮޓޯތައް ޕޯސްޓުކުރަން ދެކޮޅުވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.
އަދި މޫނު ހާމަކުރަން ބޭނުން ނުވާ ނަމަ މޫނު ފޮރުވައިގެން އުޅެން ހިޔާލު ދޭފަދަ ގޮތަކަށް މިހޫނާ ވަނީ ވާހަކަދައްކައިފައެވެ.
އެކަމާ ގުޅިގެން އާންމުންގެ އެއްވެސް ބަޔަކަށް އެ މައްސަލަ ހަޖަމެއް ނުވިއެވެ. ގިނަ ބަޔަކު ވަނީ އެއީ ޕްރޮފެޝަނަލިޒަމާ މުޅިން ހިލާފު އަމަލެއް ކަމަށް ބުނެފައެވެ. އަދި ކްލައިންޓުންގެ އެދުންތަކަށް އިހުތިރާމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ބައެއް މޭކަޕް އާޓިސްޓުން ވަނީ ބުނެފައެވެ.
އަދި މިހޫނާގެ އަމަލާ ގުޅިގެން އޭނާއަށް ފާޑުކިޔައި އެތައް ބަޔަކު އަންނަނީ މީމްތައް ހަދަމުންނެވެ. މިހޫނާގެ މީމްތަކަކީ މިދުވަސްކޮޅު ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މީމްތަކެކެވެ.
އެ މައްސަލައާ ގުޅިގެން މިހޫނާގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އޭނާ އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އޭނާގެ ހުރިހާ އެކައުންޓްތަކެއް ވަނީ މިހާރު ޑީއެކްޓިވޭޓްވެސް ކޮށްފައެވެ.