ކާނަލް މުހައްމަދު ނާޒިމް

ފްރޭމްކުރި މައްސަލަ ބަލާނެކަމަށް އޭސީޕީ ވިދާޅުވި: ނާޒިމް

އިއްޔެ ފުލުހުންނަށް ހުށަހެޅި، ފްރޭމް ކުރި މައްސަލަ ބަލާނެ ކަމަށް، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން، ނާޒިމް ހައްޔަރުކޮށް ފްރޭމް ކުރިކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭނާ އިއްޔެ ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފައެވެ.

ރޭ ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ނާޒިމު ވިދާޅުވީ، އެ މައްސަަލަ ހުށަހަޅުއްވައި، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއާ ބައްދަލު ކުރައްވައި އެ ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ ބަލައި، ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށް އޭސީޕީ ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކާނަލް ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 18 ޖެނުއަރީ 2014ގައި އޭނާ ހައްޔަރު ކުރުމަކީ ޖަރީމާއެއްކަމަށެވެ. އަދި އެކަން ތަހްގީގުކޮށް އޭނާ ހައްޔަރުކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންގެ އިދާރާއިން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެމައްސަލަ ސިޓީއަކުން ފުލުހުންނަށް ހުށަހަޅުއްވައިފައިވާކަމަށާއި، މިކަމުގައި ޕޮލިސް ކޮމިޝަނަރުއާއި ބައްދަލުކޮށް އެހާދިސާ ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައިވާ ކަމަށް ނާޒިމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އަބުރުވެރި ނަން ދަމަހައްޓައި ރައްޔިތުންގެ އިތުބާރު ހިފޭ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އޮތުމަކީ އޭނާ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.

އަދި ފުލުހުންގެ ތެރޭގައި ހިމެނޭ މަދު ބަޔަކު ހިންގި އެ އަމަލުގެ ސަބަބުން މުޅި މުއައްސަސާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމްގެ ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލަ ތަހުގީގުކޮށް، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ 11 އަހަރަށް އޭނާ ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެ މައްސަލަ ރިވިއުކޮށް ދިނުމަށް ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހު އެ ކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފަ އެވެ.