ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ 41 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީއަށް ހުށަހެޅި މައްސަލާގައި ވަނީ ޖަޕާނުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގާއިމްކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން ޕްރޮޖެކްޓާ ގުޅިގެން 41 މިލިއަން ރުފިޔާ އިކްރާމްގެ ޖީބަށްލި ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލާގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓުގެ 96 ޕަސެންޓަށްވާ 380 މިލިއަން ރުފިޔާ ޖަޕާނު ސަރުކާރުން ދޭގޮތަށް ހަމަޖެއްސި ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ބާކީ ހަތަރު ޕަސެންޓަށްވާ 16 މިލިއަން ރުފިޔާ ހަމަޖައްސަނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށް އެ މައްސަލާގައި ވަނީ ބުނެފައެވެ.
އެ ފައިސާ އަކީ މި ޕްރޮޖެކްޓު ހިންގުމަށްޓަކައި ހޯދާ ބިންތަކުގައި ހުންނަ ރުއްގަހަށް ބަދަލުދީ އެބިންތައް ސާފުކުރުމަށް ހަމަޖެއްސި ފައިސާ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.
ދިވެހި ސަރުކާރުން ޚަރަދުކުރަންޖެހެނީ 16 މިލިއަން ރުފިޔާ ކަމުގައިވީ ނަމަވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ބޭނުންވަނީ 16 މިލިއަންގެ ރުފިޔާގެ ބަދަލުގައި 179 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހޯދުމަށް ކަމަށް އެ މައްސަލާގައިވެއެވެ.
އެ މައްސަލާގައި ވަނީ 179 މިލިއަން ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި ޕީއެސްއެމް އިން އެދުނު ކަމަށެވެ. ނަމަވެސް އެ އަދަދަކީ އެ ޕްރޮޖެކްޓުގެ ހަތަރު ޕަސެންޓު މަސައްކަތްކުރަން ބޮޑު އަދަދެއް ކަމަށް ބުނެ 57 މިލިއަން ރުފިޔާ އެ މިނިސްޓްރީން ދޫކުރި ކަމަށް އެ މައްސަލާގައިވެއެވެ. އެ ފައިސާ ދޫކުރުމުން އެ ޕްރޮޖެކްޓަށް ބޭނުންވާ 16 މިލިއަން ރުފިޔާ އުނިކޮށްލުމުންވެސް 41 މިލިއަން ރުފިޔާ އެ ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމަށް ލިބިފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އެ ބޮޑު ޖަރީމާ ހިންގަމުންދަނިކޮށް އެކަން ފަޅާއެރުމުން އެކަން އެނގުނު ހުރިހާ އެންމެންނަށް މިހާރު ވަނީ އެކި ވަރުގެ ފިޔަވަޅު އަޅައި އެކިވަރުގެ އަދަބުދީފައި ކަމަށް އެ މައްސަލާގައިވެއެވެ.
އަދި އެ 41 މިލިއަން ރުފިޔާ އިކްރާމް ޖީބަށްލައި މިހާރު ހުސްކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.
އެކަމަށް އެހީތެރިވެދިން މީހުން މިއަދުވެސް ޕީއެސްއެމްގައި ބޮޑެތި ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދެމުންދާ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ. އަދި އެމީހުންނަށް 41 މިލިއަން ރުފިޔާ އިން ބައި އަޅަމުންދާ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އެމީހުންގެ ގޭގެ ކުލި ދައްކައިދީ، އަގު ބޮޑެތި ފޯނުތަކާއި ސައިކަލްތައް އިކްރާމްގެ ހެޔޮފުޅުކަމުން ކަމަށް ބުނެ ގަނެދެމުން އަންނަ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.
އިކްރާމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލައެއް ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ތުހުމަތުތަކާ ގުޅޭގޮތުން އިކްރާމް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.