އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ "ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ"ގެ ނަމާއި މަސްއޫލިއްޔަތުން ގައުމީ ސަލާމަތާބެހޭ ބައި އުނިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، މަޖިލީހުގެ އާއްމު ކޮމިޓީން އެކަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެންނަން ކޮމިޓީން ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ 17 ދާއިމީ ކޮމިޓީގެ ތެރެއިން ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ "ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ" ގެ މަސްއޫލިއްޔަތުގެ ދާއިރާ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ" ގެ މަސްއޫލިއްޔަތުގެ ދާއިރާގެ ސަބަބުން އެ ދެ ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގައި ފުށުއެރުމެއް ވާކަމަށް ފާހަކޮށް އެކަންތައް ތަކުރާރު ނުވެ، ދެ ކޮމިޓީގެ މަސައްކަތްތައް ކުރެވޭނެ ގޮތަށް މަގުފަހި ކުރުމުގެ ގޮތުން، ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އެގޮތުން "ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ" ގެ ނަން "ހާރިޖީ ގުޅުންތަކުގެ ކޮމިޓީ" އަށް ބަދަލު ކުރަން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެންނަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެއާއެކު އެ ކޮމިޓީގެ މަސްއޫލިއްޔަތު ތަކަކީ، ހާރިޖީ ގުޅުންތަކުގެ ކަންކަން ދިރާސާ ކުރުމާއި ހާރިޖީ ގުޅުންތަކުގެ ސިޔާސަތު ތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ހާރިޖީ ގުޅުންތަކާ ގުޅޭ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތް ރާވައި ހިންގާ އިދާރާތަކާ ގުޅުން ހުރި ކަންކަން ކުރުން ކަމަށް ގަވާއިދުގައި ހިމަނަންވެސް ވަނީ ފާސްކޮށްފައެވެެ.
މީގެ އިތުރުން، "ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ"ގައި މިހާރު ހިމެނޭ ގައުމީ ސަލާމަތާބެހޭ މަސްއޫލިއްޔަތުތަކަކީ، "ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ" (241 ކޮމިޓީ) ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ކަނޑައަޅައި އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނައުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެގޮތުން 241 ކޮމިޓީގެ މަސްއޫލިއްތަތުތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާ ކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް، އެ ކަމެއް މަޖިލީހަށް ހުށަހެޅުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނޭޝަނަލް ޑިޒާސްޓާ މެޏޭޖްމަންޓް އޮތޯރިޓީއާ ގުޅޭ ކަންކަމަކީވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ގަވައިދުގައި ކަނޑައަޅަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.