ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލުން ދޫކޮށްލުމުން އަނބުރައި ޖަލަށް ގެންދިއުމުން އަދީބު ގެއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ވަގުތީ އަމުރަކަށް އެދި މިއަދު ސިވިލް ކޯޓަށް ހުށަހެޅުމުގެ އިތުރުން އަދީބު ޖަލަށް ބަދަލުކުރި މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާއަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ފުލުހުންގެ އިދާރާ ކުރިމަތީ ހުންނަވައިގެން ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރުމުގައި ސަރުކާރު ޝާމިލު ނުކުރާ ކަމަށެވެ.
ނަމަވެސް އެކަމުގައި ހޯމް މިނިސްޓަރު އިމްރާންއާ މެދު ޝަކުވާތަކެއް އެބަހުރި ކަމަށާއި އެކަމަކީ ހަމަ ސީދާ މިނިސްޓަރު އިމްރާންގެ އޯޑަރަށް ހިންގާ އަމަލެއް ކަމަށެވެ. އަދީބު ޖަލަށް ބަދަލުކުރީ ވަރަށް އަނިޔާވެރި، ތަފާތު ގޮތަކަށް ކަމަށް ވެސް ނަޝްވާ ވިދާޅުވިއެވެ.
ނަޝްވާ ވިދާޅުވީ މިއަދު އަދީބު ޖަލަށް ބަދަލުކުރުމުގެ ކުރިން ޑިސްޗާޖުކުރަން އުޅޭކަން އިއްޔެ އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ޑިސްޗާޖު ކުރަން ޑޮކްޓަރުން އައުމުން ޑިސްޗާޖު ކުރަނީ ކީއްވެގެންތޯ ސުވާލުކުރި ކަމަށާއި ޖަވާބުގައި އެނޫން އިތުރު ގޮތެއް ނެތްކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.
އަދި އޭރުވެސް އަބީދު ހުން ގަދަވެފައި ހުރުމާއި އަދި ރިހުމަށްވެސް އެއްވެސް ބަދަލެއް ނާންނާތީއާ އެކު، އަމިއްލަ ގޮތުން އެހެން ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާ ވާހަކަ ދެންނެވުމުން އެކަމަށްވެސް ފުރުސަތު ދީފައި ނުވާކަމަށް ނަޝްވާ ވިދާޅުވިއެވެ.
އަދި ޑޮކްޓަރުގެ ވާހަކަތަކުން އަދީބުގެ ބޭސްފަރުވާއަށް ވަރަށް މަތިން ހުރަސްއަޅަމުންގެންދާކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދީބަށް ފަރުވާ ދިނުމަށް، މިމަހުގެ ފަސްވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށްފަހު ޑޮކްޓަރުން އަދީބު ދޫކޮށްލުމުން މިއަދު ވަނީ މާފުށީ ޖަލަށް އަނބުރައި ގެންގޮސްފައެވެ.
އަދީބު ޖަލަށް ގެންދިޔަ މައްސަލައިގައި ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ޖަލަށް ބަދަލުކުރީ ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން ކަމަށެވެ.