ވަރަށް އަވަހަށް ސިޔާސީ ޕާޓީއަކާ ގުޅޭނެ ކަމަށް ޕީޕީއެމް އިން ވަކިކުރިތާ ހަތަރު އަހަރުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މަހުލޫފް އެހެން ވިދާޅުވުމާއެކު އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް ދަނީ އޭނާ އެ ޕާޓީއާ ގުޅުމަށް އެދެމުންނެވެ.
ޕީޕީއެމްގެ މެމްބަރުކަމުން މަހުލޫފް ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
މަހުލޫފް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އަހުމަދު އަދީބު އަބްދުލް ޣަފޫރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އަދީބަށް އެކި ތުހުމަތުކޮށް، އެކަންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
އޭރު އަދީބާ ދެކޮޅަށް މަހުލޫފް ވާހަކަ ދައްކަވާތީ ރައީސް ޔާމީން އޭނައާ މެދު ނުރުހެއެވެ.
ޕީޕީއެމް އިން ވަކިކުރުމާ އެކު އިދިކޮޅު ކޯލިޝަންގައި މަހުލޫފް ވަނީ އިސްކޮށް ހަރަކާތްތެރިވާން ފައްޓާފައެވެ. އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާތަކުގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ކުރި ދެ ދައުވާ ސާބިތުވެ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހުލޫފަށް އިއްވިއެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފައެވެ.