ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އަނބުރާ ޖަލަށް ގެންދިޔައިރު ޑޮކްޓަރުންނަށް ނުފޫޒު ފޯރުވައިގެން ތިން ފަހަރަށް ފަރުވާ މެދުކަނޑާލި ކަމަށް އާއިލާއިން ތުހުމަތު ކޮށްފިއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރުމުގެ ކުރިން ތިން ފަހަރުމަތިން ޑިސްޗާޖު ސަމަރީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އޯޑަރަށް ތައްޔާރު ކުރި ކަމަށެވެ.
ނަޝްވާ ވިދާޅުވީ އަދީބު ބެއްލެވި ޑޮކްޓަރަށް އަދީބާއި ބައްދަލު ކުރުމުގެ ފުރުސަތު ވެސް ނުދޭ ކަމަށެވެ.
އޭގެ އިތުރުން ޖަލަށް ގެންދިޔައީ ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހައިގެން ވެހިކަލުގައި ކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަޝްވާ މިހެން ވިދާޅުވެފައި ވަނީ އަދީބު އަނބުރާ ޖަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއް ފަހުން ކުރެއްވި ޓުވީޓެއްގައެވެ.
މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗް ގައި އަދީބަށް ފަރުވާ ދެމުންދަނިކޮށް، މިއަދު މެންދުރު 2:30 އެހާކަށްހާއިރު އަދީބު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފައިވަނީ އަދީބު އަނބުރާ މާފުށީ ޖަލަށް ގެންދިޔައީ އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ކަމަށެވެ.
ތަފާތު އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމްލަ 33 އަހަރަށް ޖަލަށް ލުމަށް އަދީބުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.