އިބްރާހިމް ޒަކީ
ފޯސް ސްޓްރަކްޗާ ދެމެހެއްޓުމާއި، ގާބިލު މީހުން ބޭތިއްބުމަށް ރިޓަޔާ ކުރެވިދާނެކަަމަށް، ސިފައިންގެ ރިތަޔާމަންޓް ގަވާއިދުގައި ހިމަނަން ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.
އެ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ފަހަކާއި ހައެއްގެ ގޮތުގައި ދެ އަކުރެއް އިތުރު ކުރުމަށެވެ.
އެ ގާނޫނުގެ 30 ވަނަ މާއްދާއަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކި ވުމާބެހޭ މާއްދާއެވެ.
އެމާއްދާގެ (ހ) ގައި ބުނެފައި ވަނީ، ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކި ކުރެވިފައި ވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައި ކަމަށް ނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ގާނޫނުގެ ދަށުން ހަދާ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަ ކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. (ށ) ގައި ބުނެފައި ވަނީ ސިފައިންގެ މީހަކު ރިޓަޔާ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ހިމަނަންވާނެ ކަމަށެވެ.
އެގޮތުން (ށ)ގެ އެކެއްގައި ކަނޑައަޅާފައިވަނީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމެވެ. ދޭއްގައި ކަނޑައަޅާފައި ވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުން، ތިނެއްގައި ސިއްހީ ހާލަތު ތަން ނުދިނުން އަދި ހަތަރެއްގައި އަމިއްލައަށް އެދިގެން ވަކިވުން ވަނީ ކަނޑައަޅައިފައެވެ.
އޭގެ ފަހަތަށް ފަސް ވަނަ ނަންބަރުގެ ގޮތުގައި، ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް، އަދި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުން، ހިމެނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ސިފައިންގެ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލަކީ ރައްޔތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ބިލެކެވެ.
ޓޫފޯވަން ކޮމިޓީން ބުނެފައި ވަނީ ބިލުން ގެނެވޭ ބަދަލާއެކު ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސިފައިންގެ ގާނޫނަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހު ގެނައުމަށް މި ބިލުން މަގުފަހިވެގެންދާނެ ކަމަށެވެ.
މި ބިލު ކޮމިޓީން ފާސްކޮށް މަޖިލީހުން ގޮތެއް ނިންމުމަށް އެދި މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.