ލާމު އަތޮޅު ލިންކުރޯޑުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު 12:15 އެހާކަށްހާއިރު ކައްދޫ އެއާޕޯޓް ކުރިމަތިން، ލިންކުރޯޑުގައި ސައިކަލަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.
އެކްސިޑެންޓް ގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އެ މީހާއަށް ގަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 56 އަހަރުގެ ފިރިހެނަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކޮނޑުހުޅު ބިންދައިގެންގޮސް، މޭމައްޗަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މިހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ލާމު ލިންކުރޯޑުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވި އިރު މިއަދު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކަށްވަނީ ނިޔާވެފައެވެ.