އިބްރާހިމް ޒަކީ
ގައުމާއި ރައްޔިތުންގެ ހައްގުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް އިސްވެ، ސަރުކާރު ހިންގާ ކޯލީޝަންގައި ތިއްބެވި ހަތަރު ލީޑަރުންނާއެކު އަވަސް މަޝްްވަރާތަކެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ، ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސެއިން ގޮވާލައްވައިފި އެވެ.
އަލީ ހުސެއިސް މިކަމަށް އެދިވަޑައިގެންފައިވަނީ، ކޯލީޝަންގައި ހިމެނޭ މައި ދެޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަލީ ހުސެިއން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "އުނދަގޫ ކޮންމެ ވަގުތަކުވެސް އިތުރަށް ވިސްނުން އިސްކުރަންޖެހޭނެ، ގައުމުގެ ހައްގުގައި އަދި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން، ރައީސުލް ޖުމްހޫރިއްޔާ އިސްވެ، ލީޑަރުންގެ މެދުގައި އަވަސް މަޝްްވަރާތަކެއް ބޭއްވުން ރަނގަޅުވާނެކަމަށް ދެކެން،" ކަމަށެވެ.
އަލީ ހުސެއިންމިހެން ވިދާޅުވެފައިވާއިރު، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދުވަސްކޮޅު ގެންދަވަނީ ފާޅުގައި އެމްޑީޕިއަށް ރައްދު ދެއްވަމުންނެވެ.
ގާސިމް ކުރެއްވި ރޭ ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރަށް އޮތް ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެންމެ ބޮޑަަށް މައްސަލަ އުވެދިފައިވަނީ، ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ 4 ލީޑަރުން މަޖިލިސް އިންތިހާބަށް ޕާޓީތަކުން ކުރިމަތިލާން އެއްބަސްވެފައިވާގޮތާ ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކުރިމަތިލާން ނިންމައި އެކަން ކުރިއަށްގެންދާ މައްސަަލައިގަ އެވެ.