ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް 8 ޕޮއިންޓާ އެކު ޓޭބަލްގެ ހަތަރުވަނަ އަށް ފޯކައިދޫ އަރައިފިއެވެ.
ފޯކައިދޫ ހަތަރުވަނަ އަށް އެރީ މިއަދު ކުޅުނު މެޗު ނިލަންދޫގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗަށް މިދެޓީމު ނިކުތް އިރު، އެންމެފަހުން ލީގުގައި މިދެޓީމު ކުޅުނު މެޗުން ވެސް ވަނީ މޮޅުވެފައެވެ. ތިމަރަފުށީގެ މައްޗަށް ނިލަންދޫ 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތްއިރު، ފޯކައިދޫ މިމެޗަށް ނިކުތީ އެންމެ ފަހުން އެޓީމު ކުޅުނު މެޗު ފެހެންދޫގެ މައްޗަށް 0-4 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ނުލިބެއެވެ. ނަމަވެސް، ނިލަންދޫގެ އާދިލް އަށް ލިބުނު ފުރުޞަތާއި ފޯކައިދޫގެ ޖައިލަމް އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
މިއަދުގެ މެޗުގައި ފޯކައިދޫ އިން ޖެހި ދެ ލަނޑުވެސް ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން، ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ލަމްޕްޓޭ ސަމުއެލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކި ހިސާބުން މުޅި މެޗު ބަދަލުވެގެންދިޔައެވެ. އޭނާއަށް ރަތްކާޑު ދެއްކިތާ މާގިނަ އިރެއް ނުވެ ފޯކައިދޫ އިން ވަނީ ލަނޑުޖަހައި ލީޑު ނަގައިފައެވެ.
އެގޮތުން، މިލަނޑަކީ އެޓީމުން އުފެއްދި ކައުންޓާރ އެޓޭކެއްގައި ޖައިލަމް ނެގި ހުރަހެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ނިލަންދޫގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ މާގިނައިރެއްނުވެ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހްމަދު މުޙައްމަދު (އައްމަޑޭ) ދުއްވާލި ރީތި ޕާހަކުން ޖައިލަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފޯކައިދޫއަށް ތިން ޕޮއިންޓު ޔަޤީންކޮށްދީފައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ފޯކައިދޫގެ މުޙައްމަދު ޖައިލަމް އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ތިމަރަފުށްޓެވެ.