އެމްޑީޕީއާ އެކު އެއްވެސް ބަޔަކަށް މާ ގިނަ ދުވަހު ކެތް ނުވާނެ ކަމަށާއި ގާސިމް އަކީ އެމްޑީޕީގެ ޑީއެންއޭ ނޫން ކަމަށާއި އަދި ގާސިމްއާ އެކު މަޝްވަރާއަށް ވެސް ތައްޔާރު ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ސިޔާސީ މައިދާނުގައި މި އޮތީ މައިގަނޑު ދެ ފަލްސަފާއެއް ކަމަށާއި އެއީ އެމްޑީޕީ ފަލްސަފާ އާއި އެ ފިކުރާ ދެކޮޅު ފަލްސަފާ ކަމަށެވެ. އެހެން ކަމުން މީގެން ދެ ފަލްސަފާގެ ބަޔަކު ގުޅިގެން އުޅޭން މަސައްކަތް ކުރިޔަސް އެކަން ވާނީ ކުރު މުއްދަތުގެ ކަމަކަށް ކަމަށާއި ގިނަ ދުވަހަކަށް އެކަން ދެމި ނޯންނާނެ ކަމަށް މުންދު ވިދާޅުވި އެވެ. އަދި ކުރީ ފަހަރު ކެތް ކުރެވުނުހާ ދުވަހުވެސް މި ފަހަރު ގާސިމްއަށް އެމްޑީޕީއާ އެކު ކެތް ނުކުރެއްވޭނެ ކަމަށް މުންދު ވިދާޅުވި އެވެ.
"ގާސިމް އަކީ އެމްޑީޕީގެ ޑީއެންއޭއެއް ނޫން. އެމީހުންނާ އެކު ގާސިމްއަށް ކެތެއް ނުވާނެ. އަދި ގާސިމް ނޫން ބަޔަކަށް ވެސް އެކަމެއް ނުވާނެ." މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މިއަދު ރަސްމީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ ޕީޕީއެމް ކަމަށާއި ޖޭޕީ އޮތީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ސަރުކާރު ތެރޭގައި ކަމަށެވެ.
"އެކަމަކު ބައްލަވާ! ގާސިމަށް އެއްޗެހި ކިޔައި ޖުމުހޫރީ ޕާޓީއަށް ހުރިހާ ޑެމޭޖެއް ދެމުން އެދަނީ އެމްޑީޕީން އެ ޕާޓީގެ އެކްޓިވިސްޓުން ދެއްތޯ؟ އެމްޑިޕީގެ މެންބަރުންގެ އީގޯ ވަރަށް ބޮޑު ވާނެ. ޑިމާންޑްތައް ވެސް ބޮޑުވާނެ." މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ މެންބަރުންނާ ގާސިމް އިބްރާހީމްއާ އަބަދުވެސް ގުޅުން އޮންނަ ކަމަށާއި މުހިންމު ކަންކަމުގައި ދެފަރާތުން ވެސް ކުރައްވާން ޖެހިވަޑައިގަންނަވާ މަޝްވަރާތައް ކުރިޔަށް ގެންދަވާ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި ފަހުން ވެސް އެ ގުޅުން އެގޮތަށް އެބަ އޮތް ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު މިމޭރުމުން ވާހަކަދެއްކެވި އިރު، އެމްޑީޕީގެ ޕްރައިމަރީ ނިމި 86 ދާއިރާއަށް ކެންޑިޑޭޓުން ނެރެން މިރޭ ފައިނަލް ކުރުމާ ގުޅިގެން ގާސިމް އިބްރާހީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީއާ ވަކީން އެހެން ފަރާތްތަކާ ގުޅިގެން މަޖިލީހުގެ އިންތިޚާބަށް ނިކުންނަން އެޕާޓީން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ ނެރެ މަގުމައްޗަށް އެއްލައިލީ ކަމަށް ވެސް ގާސިމްގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.