ރިޔާސީ އިންތިހާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާއާ ގުޅޭ ޝުކުވާއެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސްމީ ސިފައެއްގައި އިންތިހާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް އެ ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިނުވާ އިރު، ކޮމިޝަންގެ މެންބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތައް އަޅުވައި އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
"މީސްމީޑިއާގައާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލާއި، މުވައްޒަފުންނަށް ބިރުދައްކާ، މަރުގެ އިންޒާރު ހަދަމުންދާތީ ދަންނަވަމެވެ. މި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން އަމަލު ކުރަމުންދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ.." ބަޔާނުގައި ބުނެފައިވެއެވެ.
އީސީގެ ބަޔާނުގައި ބުނީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ މިފަދަ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މިހިނދުން މިހިނދަށް ހުއްޓުވާލުމަށާއި، ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއް ނެތި ކޮމިޝަންގެ މެންބަރުންނާއި، މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އޭގެ އިތުރުން ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް އާންމުކުރެވުނު އިންތިހާބަށް ވެފައި، އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި، މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބަލައިގަނެފައިވާ އިންތިހާބެއް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.