މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް ބަލައި ނިމެންދެން ހުވާނުކޮށް މަޑުކޮށްލުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ޕީޕީއެމް އިން ގޮވާލައިފިއެވެ.
ޕީޕީއެމް އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ޖަވާބު ބޭނުންވާ އެތަކެއް ކަމެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބަލައި ނިމެންދެން ހުވާނުކޮށް މަޑުޖައްސާލުމަށް އިބޫއަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ނުކުރައްވާށޭ އަދި،" ސިއްދީގު ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެތައް ސަތޭކަ ޝުވާ ވަނީ ހުށަހަޅާފައި ކަމަށާއި ނަމަވެސް އެ މައްސަލަތައް ނުބަލައި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާ އިއުލާންކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"ވޯޓުގެ ކުރިން އަޅުގަނޑުމެން ހުންނާނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ. ކީއްވެގެންތޯ އަޅުގަނޑުމެން ރީ ރަޖިސްޓަރ ކުރަން ހުށަހެޅި ފަރާތްތައް އެހެން ފަރާތްތަކަށް ހުށަހެޅީ. ދެން އަނެއްކާ ބައެއް ޕޯލިންސްޓޭޝަންތައް ހުޅުވިގެންދިޔަ ގަޑިއާ ވޯޓުލާން ފެށުނު ގަޑިތަކާ ދޭތެރޭގައި އިލެކްޝަންސްގެ އޮފިޝަލުން. އެކި ދާއިރާތަކުގެ އެކި ރަށްތަކުގައި ތިއްބެވި އޮފިޝަލުން ޖައްސާފަހުރި މައްސަލަތައް އެއޮތީ ވައިބާ ގްރޫޕްތަކުގައި. މިއަދު އަޅުގަނޑުމެންނަށް އެބަފެނޭ،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގެ އޮފިޝަލުންގެ ވައިވާ ގްރޫޕްގައި ބައެއް އޮފިޝަލުން ޝަކުވާކުރުމުން އެމީހުން ވައިބާ ގްރޫޕްތަކުން ބޭރުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކަކީ ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިލެކްޝަންގެ ބެލޮޓް ކަރުދާސްތައް ޕްރިންޓްކުރަން ބިޑް އެވޯޑްކުރި ފަރާތަށް ބިޑް އެވޯޑްކުރިގޮތް ވެސް އަޅުގަނޑުމެން އެބަޖެހޭ ބަލަން. އެކަންކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެބަޖެހޭ ނޫންތޯ ޖަވާބުދާރީވާން،" ޝިޔާމް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރީރަޖިސްޓްރޭޝަންގައި މަކަރު ހެދި ހަތަރު މީހެއްގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ބުނި ކަމަށާއި ނަމަވެސް އެ މައްސަލައަށް ވީގޮތެއް ނޭނގުނު ކަމަށެވެ.
"ކުއްލިއަކަށް ހުރިހާ ފައިލެއް ލައްޕާފަ ނިންމާލަން މިއުޅުއްވަނީ. ނިންމުން މައްސަލައެއް ނެތް އިނގޭތޯ. މިއޮންނަ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަންޖެހޭނެ. އަޅުގަނޑުމެންގެ ޕާޓީން އޭރުވެސް އެދުނިން އަވަސްކޮށް ނުވަތަ ލަސްކޮށް ކޮންމެ ކަންތައްތައް ނުކުރުމަށް. އޮނަންވާ ހަމައުސޫލުން އިންސާފުވެރިކަމާއެކު ކަންތައްތައް ކުރިއަށްގެންދަވަން،" ނިހާން ވިދާޅުވިއެވެ.
އިންތިޚާބުގެ ސަހައްކަމާ މެދު ޕީޕީއެމް އިން ސުވާލު އުފެއްދިނަމަވެސް މިއަދު ނެރުނު ނޫސް ބަޔާނެއްގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުގެ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށެވެ.