ރީކޯ މޫސާ މަނިކް

މިހާރު އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް ސޯލިހު ނޫންތޯ ރީކޯ މޫސަ ސުވާލު އުފައްދަވައިފި

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސްވެރިޔަކީ ޕާޓީގެ ފަރާތުން ކުރިމަތިލައިގެން އިންތިޚާބުވެވަޑައިގެން ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސުވާލު އުފައްދަވައިފި އެވެ.

ރީކޯ މޫސަ މިސުވާލު އުފެއްދެވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. މޫސަ މި ޓުވީޓު ކުރެއްވި އިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ސޯޝިއަލް މީޑިއާގައި މުޚާތަބުކުރާ ފަރާތްތައް ވަނީ ގިނަވެފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި، ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑިގަންނަވާ މީހަކު ވާނީ ޕާޓީގެ އެންމެ އިސް ފަރާތަށެވެ. އެ ގޮތުން ބަލާ އިރު އެމްޑީޕީގެ ރައީސް އަކީ މުހައްމަދު ނަޝީދު ކަމަށްވީ ނަމަވެސް، އެޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

މޫސަ މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީ ބުނާ ޝަރުތުތައް ހަމަވާ އެންމެހައި ރައްޔިތުންގެ ތާއީދާ އެކު އެތަނަށް ވަދެ ރައްޔިތުންނަށް ޚިދުމަތްކުރަން އޮތް ތަނެއް ކަމަށެވެ. އެހެން ނަމަވެސް ސީޔާސީ ޕާޓީތަކުގެ ވެރީން މަޖިލީހާ މެދު ދެކިވަޑައިގަންނަވާ ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވެސް މޫސަގެ ޓުވީޓުގައި ވަނީ ވާހަކަފުޅުދައްކަވައިފަ އެވެ.

"ސިޔާސީ ޕާޓީތައް މިލްކެއްގެ ގޮތުގައި ހަދައިގެން ޕާޓީތަކުގެ ވެރީން ތިއްބަވާ ތަނަކީ ރައްޔިތުންގެ ތަނެއް." ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ގަމު ދާއިރާއަށް ވާދަކުރައްވާ މޫސަ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖޭޕީގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުވަމުންދާ މި ދުވަސްވަރު އެމްޑީޕީގެ އެތެރޭގައި ވެސް ފެކްޝަން އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ ގޮތުން ރައީސް ނަޝީދަށް އިޚުލާސްތެރި މީހުން މަޖިލީހަށް ހޮވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށާއި ރައީސް ނަޝީދަށް ތާއީދުކުރާ މީހުން މަޖިލީހަށް ވައްދަން ވެސް ބަޔަކު މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ރީކޯ މޫސަ އަކީ ކުރީން އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެޕާޓީގެ ޗެއާޕާސަންކަން ވެސް އޭނާ ކުރެއްވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އައިސް، ރާއްޖޭން ބޭރުގައި އަރުވައިލެވިގެން އުޅުއްވި ދުވަސްވަރާއި އަދި ވެރިކަން ބަދަލުވެގެން ދިޔަ އެންމެ ހަލަބޮލި ދުވަސްވަރުގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ ޗެއާޕާސަން މޫސާ މަނިކު އަދި އޭރު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.