ހުތުބާ

ވެރިކަމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކޮށްފި ނަމަ، ވެރިމީހާއަށް ގިޔާމަތްދުވަހުން ހިތާމައަކަށް ވެގެންދާނެ: ހުތުބާ

ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާނުކޮށްފި ނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ގިޔާމަތްދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތް ކަމަށާއި އެހެންކަމުން ވެރިކަމުގެ އަމާނާތުގެ މުހިންމު ކަމާމެދު އިސްލާމްދީނުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވައި، އެ އަމާނާތް އަދާކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތެވެ. އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ގައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށެވެ. ވެރިކަމަކީ އޭގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާނުކޮށްފި ނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ގިޔާމަތްދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެންދާނެ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި މަސްއޫލުވެރިން އެބައިމީހުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އަމާނާތްތެރިކަމާއެކު އެ ހައްގުތަކުގެ ވެރިންނަށް ހައްގުތައް ހޯދައިދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދުކުރުމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހުރިހާ ބާވަތެއްގެ މަސްލަހަތެއް ފުރިހަމަވެ، ފަސާދަތައް ނެތިގެންދާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިސްލާމްދީން ވަނީ ހާކިމުންނާއި އެހެނިހެން ފަރާތްތަކަށް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމައަށް އަދުލުވެރިވުން ވާޖިބު ކުރައްވައިފައެވެ. ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް އޭނާގެ ބާރުގެ ދަށުގައިވާ ތަނެއްގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް މުސްލިމުންގެ ކަންކަމާ ހަވާލުވާ ވެރިންނަށް ރަސޫލާ ވަނީ އިރުޝާދު ދެއްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުންގެ މައްޗަށް އިސްވާ ކޮންމެ މީހަކުވެސް އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ނަސޭހަތްތެރިވުމާއި، އަދި އެމީހުންނަށް ހިދުމަތްކުރުމުގައި އިހުލާސްތެރިވުމަށް އިސްލާމީ ޝަރީއަތުގައި ބާރު އަޅުއްވާފައިވާ ކަމަށާއި އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ތެދުވެރިވުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.