މަގްބޫލު ލަވަކިޔުންތެރިއާ ރިހާނާގެ ފޭނުން އޭނާގެ އާ މިއުޒިކަށް އިންތިޒާރު ކުރަމުން އަންނައިރު އޭނާގެ މަންޒިލް މުޅިން ތަފާތެވެ. ރިޕޯޓުތައް ބުނާގޮތުގައި ރިހާނާ އާއި ލުއި ވިޓޯން މޮއެޓް ހެންސީ އަންނަނީ ލަގްޒަރީ ފެޝަން ބްރޭންޑެއް ރިހާނާގެ ނަމުގައި ލޯންޗުކުރުމަށް ތައްޔާރުވަމުންނެވެ.
ލުއި ވިޓޯން ގެ ދަށުގައި މިހާރުވެސް 25 ލަގްޒަރީ ބްރޭންޑެއް ހުރެއެވެ. އޭގެ ތެރޭގައި ފެންޑީ، ޖިވަންޗީ، ކްރިންސްޓިއަން ޑިއޯ، ސެލިން އަދި މާކް ޖާކޯބްސް ހިމެނެއެވެ. ހަބަރުތައް ބުނާ ގޮތުގައި ސެލިން އާއި ލުއި ވިޓޯންގެ ބައެއް ޑިޒައިނަރުންވަނީ ރިހާނާގެ ބްރޭންޑްގައި އޭނާއާ އެކު މަސައްކަތް ކުރަން މިހާރު ހަމަޖައްސައިފައެވެ.
ރިހާނާގެ ފޭނުނަށް ވަނީ މި ހަފުތާތެރޭގައި އޭނާ "ފެންޓީ" ލޯގޯޖެހި އަވިއައިނެއް އަޅައިގެން ހުރި ފޮޓޯއެއް ފެނުމުން އެކަމާ ހިޔާލު ބަދަލުކުރަން ފަށާފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ ރިހާނާ ނެރެން އުޅޭ އާ ކަލެކްޝަނުގެ ތެރެއިން ޕްރޮޑަކްޓެކެވެ.
2016 ވަނަ އަހަރު ރިހާނާ ވަނީ ޕޫމާ ބްރޭންޑާ ގުޅިގެން ކޮންޓެމްޕޮރަރީ ކްލޯތިން ލައިނެއް ސްޕޯޓްސް ވެއާއާ އެކު ލޯންޗުކޮށްފައެވެ. އެ ލައިނަށް ކީ ނަމަކީ ފެންޓީ އެކްސް ޕޫމާ އެވެ. މި ކަލެކްޝަން ވަނީ ނިއު ޔޯކް ފެޝަން ވީކު އަދި ޕެރިސް ފެޝަން ވީކުގައި ވެސް ދައްކައިލައިފައެެވެ.
މީގެ އިތުރުން 2017 ވަނަ އަހަރު ރިހާނާގެ ބިއުޓީ ކަލެކްޝަންވެސް ވަނީ ލޯންޗުކޮށްފައެވެ. ފެންޓީ ބިއުޓީގެ ނަމުގައި ލޯންޗު ކުރި އެ ބިއުޓީ ލައިންގައި 40 ޝޭޑްގެ ފައުންޑޭޝަން ހިމެނެއެވެ. އަދި 2018 ވަނަ އަހަރު ރިހާނާގެ ލިންޖަރީ ބްރޭންޑް "ސަވޭޖް އެކްސް ފެންޓީ" ވެސް ވަނީ ލޯންޗު ކޮށްފެއެވެ.