ރައްޔިތުންގެ މަޖިލީހަކީ ތަކުރާރުކޮށް އަންނަ ސަރުކާރުތަކުން ހަމަލާދޭ ތަނަކަށް ނުހެދުމަށް މިއަދު ފާރަވެރިވާން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މިއަދު ފާރަވެރިވާންވީ 2008ގައި ގެނައި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ފާރަވެރިވާންވީ 2008ގައި އަޅުގަނޑުމެން ގެނައި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް. މިއަދު އަޅުގަނޑުމެން ފާރަވެރިވާންވީ ރައްޔިތުންގެ މަޖިލީހަކީ ތަކުރާރުކޮށް އަންނަ ސަރުކާރުތަކުން ހަމަލާދޭ ތަނަކަށް ނުހެދުމަށް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ އެބައެއްގެ ބުރަ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ފަސްގަނޑާއި ކަނޑު ހިމާޔަތްކުރާ، އެބައެއްގެ ޖާނާއި މާލާއި އެބައެއްގެ ލޭ މި ފަސްގަނޑަށް ހޭދަކުރާ ދިވެހި ސިފައިންނާއި ފުލުހުންގެ ރައްކާތެރިކަމަށްޓަކައި ފާރަވެރިވާން އެބަޖެހޭ ކަމަށެވެ.
"މިއީ ފާރަވެރިވާން ޖެހޭ ވަގުތު. މިއީ ވިސްނަންޖެހޭ ވަގުތު. މިއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާއި އަޅުގަނޑުމެންގެ ހުއްބުލްވަތަނަށްޓަކައި ތެދުވާން ޖެހޭ ވަގުތު. މިއީ ފާރަވެރިވާންވީ ކަންތައްތައް،" ޑރ. ޖަމީލް ވިދާޅުވިއެވެ.