ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ މެދު ވެސް އިންސާފުގެ މަގުން ކަންތައް ކުރަން އެދެނީ ޔާމީނަށް ވިކިފައިވާތީ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޭ ގާސިމް ވިދާޅުވީ އޭނާ އިންނަވާ މަޖިލީހެއްގައި ގާނޫނު އަސާސީއާ ހިލާފަށް މީހުންނަށް އަނިޔާވެރިވަމުންދަންޏާ އެކަމާ ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށެވެ.
"އެކަން އެގޮތަށް އަޅުގަނޑުގެ ދާއިރާއަކުން އެއްވެސް މީހަކާ ދޭތެރޭ ދިޔަކަ ނުދޭނަން، އެއީ އަޅުގަނޑުގެ އަދާވާތްތެރިއެއް ކަމަށްވިޔަސް. އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އަނިޔާއާއި ނިކަމެތިކަން ލިބިގެންދިޔަ މިދިޔަ ސަރުކާރުން. އެހެންނަމަވެސް އަޅުގަނޑު މިދަންނަވަނީ އަބްދުﷲ ޔާމީންގެ މައްޗަށް ވެސް އިންސާފުގެ އަތް ދާންވާނީ މާތްﷲ އަންގަވާފައިވާ ގޮތަށޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މާތްﷲ އަމުރުކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށް ކަމަށާއި މާތްﷲ އެއްވެސް އިންސާނަކަށް އަނިޔާއެއް ލިބެން ރުހިވޮޑިނުގަންނަވާ ކަމަށެވެ. އަދި އެ ވާހަކަތައް ދައްކަނީ އެއީ ކޮންމެހެން ޔާމީންގެ އަތަށް ވިކިގެން އުޅޭތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.