އިބްރާހިމް ޒަކީ
މުއާސަލާތީ ހިދުމަތްތަކަށް އަހަރަކު 200 މިލިޔަން ރުފިޔާ ދައުލަތުން ހަރަދު ކުރާއިރު ސަރުކާރުގެ މުއައްސަސާތަކުން އެ ހިދުމަތުގެ 60 ޕަސެންޓް ބޭނުން ކުރަނީ ބަރަހަނާ ސައިޓުތަކަށް ވަންނަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ގާނޫނުތަކަށް ބެލުމެއްނެތި، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ކަންތައްތައް ތަރުތީބު ކޮށްފައި ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ކަމަށްވާތީ އެކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުން މުއާސަލާތީ ހިދުމަތްތަކުގެ 60 ޕަސެންޓް ބޭނުން ކުރަނީ ބަރަހަނާ ސައިޓްތަކަށް ވަނުމަށް ކަމަށެވެ.
ހާއްސަ ކޮށް އިސްލާމިކް މިނިސްޓްރީ ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ، އެ މިނިސްޓްރީގެ ސާވާ ބަލައިފިނަމަ އެކަންތައް އެނގިގެންދާނެ ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީގެ ސާވާ އަޅުގަނޑުމެން ބަލައިފި ކަމަށް ވަންޏާ ދެން އަޅުގަނޑުމެން ވަރަށް ގޯސްވާނެ އިއްޒަތްތެރި ރައީސް،" ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ސައިޓްތަކަށް ވަނުން ބްލޮކް ކޮށްފިނަމަ އޫރީދޫ އާއި ވަތަނިއްޔާއަށް 200 މިލިޔަން ރުފިޔާގެ ގެއްލުންވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތީ ޕޯން އިކޮނޮމީއެއް ކަމަށެވެ.
އެކަންތައްތައް ބެލުމަކީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ އެކަންތައްތައް ބެލުމަށް އެ މިނިސްޓްރީއަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.