ގާސިމް އިބްރާހިމް

ޕްރައިމަރީގައި ވަކި މީހަކަށް ވޯޓު ދޭށޭ ޖަލްސާއެއްގައި ބޭފުޅަކު ވިދާޅުވި، އެއީ ޑިކްޓޭޓާޝިޕް: ގާސިމް

1

ޕްރައިމަރީގައި ވަކި މީހަކަށް ވޯޓު ދޭން ޖަލްސާއެއްގައި ބޭފުޅަކު ވިދާޅުވި ކަމަށާއި އެއީ ޑިކްޓޭޓާޝިޕް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް އެހެން ވިދާޅުވި އިރު، މިހާތަނަށް ޕްރައިމަރީއަކަށް ދާން ނިންމާފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ ހަރަކާތްތަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުންނަށް މިމަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެއަށްފަހު އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ދާއިރާއަކަށް ކުރިމަތިލައިފި ނަމަ، އެ ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި އޭގެ ކުރިން ވަކި ބޭފުޅަކަށް ވޯޓު ދިނުމަށް ނުދަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕްރައިމަރީއަކަށް ދާން ޖެހިއްޖެއްޔާ، ކާނަލް ނާޒިމަށް ވޯޓެއް ދޭށޭ ބުނެފިއްޔާ އަޅުގަނޑަށް ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑު މި ހިންގަނީ ޑިކްޓޭޓާޝިޕެއް. އެތައް ބައިވަރު މީހުންނެއް ޕްރައިމަރީއަށް ކުރިމަތިލައިގެން ތިއްބައި ރޭގައި ވެސް ތަނެއްގައި ބޭއްވި ޖަލްސާއެއްގައި މިވެނި މީހަކަށް ވޯޓު ދޭށޭ ކޮންމެވެސް ބޭފުޅަކު ވިދާޅުވި. ބުނީމާ ޑިމޮކްރަސީ ދިރުވަނީއޭ ކިޔައިގެން މިކުރެވޭ ކަންތައްތައް އެނގޭ އެބަ. ކޮން ކަހަލަ ޑިމޮކްރަސީއެއްގެ ވާހައެއްތޯ މި ދައްކަނީ. މިއީތޯ ޑިކްޓޭޓާޝިޕޭ ކިޔާ އެއްޗަކީ،" އޭނާ ވިދާޅުވިއެވެ.

ނުސީދާކޮށް ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން ގާސިމް ވިދާޅުވީ ދައްކާ ވާހަކަ ދެކޮޅު ޖައްސަން ވެސް އެބަޖެހޭ ކަމަށެވެ. އަދި ހޭ ބުއްދި ސަލާމަތުން ހުރެގެން މީހުން ދައްކާ ވާހަކައަކީ އެއީތޯ ވެސް ގާސިމް ސުވާލުކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟