ދިވެހި ގައުމަކީ ވަކި ބަޔަކަށް ދީފައި އޮންނަ ލައިސަންސެއްގެ ގޮތުގައި ނުދެކެވޭނެ ކަމަށާއި ޑިމޮކްރަސީއަކީ އެއްވެސް ބައެއްގެ ލައިސަންސެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ތަކުރާރުކޮށް އެއް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި ތަކުރާރުކޮށް އެއް ލަވައެއް ވެސް ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ތަކުރާރުކޮށް އެއް ހުވަފެނެއް ވެސް ނުދެއްކޭނެ ކަމަށެވެ.
"ތަކުރާރުކޮށް އެއް މަސައްކަތެއް ނުކުރެވޭނެ ލޮބުވެތި ރައްޔިތުން. ތަކުރާރުކޮށް އެއް ލަވައެއް ވެސް ނުޖެހޭނެ ލޮބުވެތި ރައްޔިތުން. ތަކުރާރުކޮށް އެއް ހުވަފެނެއް ވެސް ނުދެއްކޭނެ ލޮބުވެތި ރައްޔިތުންނަކަށް. އަބަދު ހައްގުތަކަކީ ވަކި މީހެއްގެ ޖީބެއްގައި އޮންނަ އެއްޗަކަށް ނުހެދޭނެ. އަބަދު ދިވެހި ގައުމަކީ ވަކި ބަޔަކަށް ދީފައި އޮންނަ ލައިސަންސެއްގެ ގޮތުގައި ނުއެއް ދެކެވޭނެ. ޑިމޮކްރަސީއަކީ އެއްވެސް ބައެއްގެ ލައިސަންސެއް ނޫން،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ 2013ގައި ގާސިމް އިބްރާހީމާއި ކާނަލް ނާޒިމް ފަދަ ބޭފުޅުންނާއެކު ބުރަ މަސައްކަތެއް ކޮށްގެން ވަރުގަދަ ސަރުކާރެއް ގެނެވުނު ކަމަށާއި ނަމަވެސް ވާހަކަދެއްކުމުގެ ހައްގުން ފެށިގެން އެއްވެ އުޅުމުގައި ހައްގާ ހަމައަށް ނިގުޅައިގަތް ކަމަށެވެ.
"ރާއްޖޭގައި 2013ގައި ގާސިމް އިބްރާހީމާއި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި މިތިއްބެވި ބޭފުޅުންނާއި އަޅުގަނޑުމެން އެކީގައި ބުރަ މަސައްކަތްކޮށްގެން ވަރުގަދަ ސަރުކާރެއް ގެނައިން، މަސައްކަތްކުރީން. އެކަމަކު ބައްލަވައި ވާހަކަދެއްކުމުގެ ހައްގުން ފެށިގެން އެއްވެ އުޅުމުގައި ހައްގާ ހަމައަށް ނިގުޅައިގަތީ. އަނިޔާވެރިވެގަތީ. ތަކުރާރުކޮށް އަނިޔާވެރިވެގަތީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.