ކުދިން ބާލިޣުވާ ހިސާބުން ފެށިގެން ނުވިހާ އޮޕަރޭޝަން ކުރާށެކޭ ނުދަންނަވާނެ ކަމަށާއި ޖުމްހޫރީ ޕާޓީން ކަންތައް ކުރަމުންގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ދަމަހައްޓައި، ނަގަހައްޓައި ގެންދާ އުސޫލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް އެހެން ވިދާޅުވި އިރު، ކައިވެނިން ބޭރުން ދަރިން ހޯދާ މައްސަލަ ހައްލުކުރެވޭނީ އަންހެނުން ނުވިހާ ގޮތް ހަދައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ކެމްޕޭން ރަސްމިއްޔާތެއްގައި ވިދާޅުވެފައެވެ.
"އުމުރުން ނުވަ އަހަރުވާ އިރު ނުވަތަ ދިހަ އަހަރުވާ އިރު ބައެއް އަންހެން ކުދިން ބާލިޣުވޭ. އެ ހިސާބުން ފެށިގެން އެމީހުން ބާތު ކޮންޓްރޯލް ކުރާށެކޭ އަޅުގަނޑު ދައްކާކަށެއް ނޫން އަޅުގަނޑު އައިސް މިހުރީކީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނުގައި ހައްދު ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ މައްޗަށް އަރައިގަނެ، ދިވެހިންގެ އަހުވަންތަކަމާއި އެއްބައިވަންތަކަމާއި އިސްލާމްދީން ފުނޑުފުނޑުކޮށްލަން އެވާހަކަ ދައްކައި، ދުވަހަކުވެސް އެކަމަށް ހިތްވަރު ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ކަންތައް ކުރަމުންގެންދާނީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށް ވީ ހިނދު، ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ދަމަހައްޓައި، ނަގަހައްޓައި ގެންދާ އުސޫލުން. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ހަދަމުން،" ގާސިމް ވިދާޅުވިއެވެ.