މުދަލާއި އަނބިންނާއި ދަރިން މަދުވެގެން ނޫޅޭ ކަމަށާއި ބޭނުންވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކީ މިގައުމާއި ވަތަން ސަލާމަތްކޮށްދީ، އަމާންކަމާއި އުޖާލާކަމާއި ފާގަތިކަން އެންމެންނަށް ގެނެސްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވަކި އެއްޗެއް މަދުވެގެން އުޅޭ ވާހަކަ ނުދަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިތަނަށް އައިސް މިހުރީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކީގައި މިގައުމާއި ވަތަން ސަލާމަތްކޮށްދީ، އަމާންކަމާއި އުޖާލާކަމާއި ފާގަތިކަން އެންމެންނަށް ގެނެސްދިނުމަށް. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ކާންބޯން ނުލިބިގެންނެއް ނޫން އަޅުގަނޑު މިހުރީކީ. އަޅުގަނޑަށް މުދާ މަދުވެގެންނެއް ވެސް ނޫން މިހުރީކީ. އަޅުގަނޑަށް ދަރިންނާއި އަނބިން މަދުވެގެންނެއް ވެސް ނޫން މިހުރީކީ. އަޅުގަނޑު ދަންނަވާކަށް ނެތިން އަޅުގަނޑަށް މިވެނި އެއްޗެއް މަދުވެގެންނޭ މިއުޅެނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި އުޖާލާކަމާއި ފާގަތިކަން ގެނެސްދެވިއްޖެ ނަމަ، އެކަމެއް އޭނާއަށް ވެސް ލިބިގެންދާނެ ކަމަށެވެ.