ބޮލީވުޑް

މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީގެ ހާއްސަ ސްކްރީނިންއެއް އިންޑިއާގެ ރައީސަށް

ކަންގްރާ ރާނޮތްގެ ފިލްމު މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީގެ ހާއްސަ ސްކްރީނިންއެއް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ދައްކާގޮތަށް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ރާޝްތުރަޕަތީ ބަވަންގެ ކަލްޗަރަލް ސެންޓަރުގައި މިއަދު ފިލްމު ސްކްރީން ކުރާއިރު އެ ސްކްރީނިންގައި ފިލްމުގެ ހުރިހާ ކާސްޓުން ބައިވެރިވާނެއެވެ.

ފިލްމު ރިލީސް ކުރުމުގެ ކުރިން ރައީސަށް ހާއްސަ ސްކްރީނިންއެއް ބޭއްވުމުގެ ފުރުސަތު ލިބުނީތީ ފިލްމު ކުރޫން ވަރަށް ފަހުރުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ އިންޑިއާގެ ރާނީއެއް ކަމަށްވާ ރާނީ ލަކްސްމީބައިގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ރާނީގެ ބައި ކުޅެނީ ކަންގްނާއެވެ. ރާނީ ލަކްސްމީބައި އަކީ އިންޑިއާގެ ގައުމީ ބަތަލެކެވެ. އަންހެން ބޭފުޅަކަށްވެ ހުރެ އަމިއްލަ ވަތަނާއި ރަސްކަން ސަލާމަތްކުރުމަށް ރާނީ ވި ގުރުބާނީ މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު ރިލީސްކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ އިރު ކަންގްނާ ވަނީ ފިލްމުގެ ޑައިރެކްޝަނާ މެދު ވެސް ފަހުން ހަވާލުވެފައެވެ. އަދި ގިނަ ސީންތަކެއް ދެވަނަ ފަހަރަށް ޝޫޓް ވެސް ވަނީ ކޮށްފައެވެ.

ތިއޭޓަރު ތަކަށް ފިލްމް ރިލީސްކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ 25 ގައެވެ.