އަޔެކްސް

މަނާ ބޭހަށް ކުރި ޓެސްޓަކުން ފެއިލްވެ އޮނާނާއަށް އެއް އަހަރު ދުވަހުގެ ސަސްޕެންޝަނެއް

މަނާ ބޭހަށް ކުރި ޑޯޕިން ޓެސްޓަކުން ފެއިލްވެ، އަޔެކްސް ގޯލްކީޕަރު އަންދްރޭ އޮނާނާ އެއް އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑްކޮށްފިއެވެ.

އޮނާނާ 12 މަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޔޫއެފާއިން އަންގާފައިވާ އިރު، ކްލަބުން ބުނެފައިވަނީ އެ ސަސްޕެންޝަން އިސްތިއުނާފު ކުރާނެ ކަމަށެވެ. މުބާރާތެއްގެ ބޭރުން ކުރި ޑޯޕިން ޓެސްޓަކުން އޮނާނާ ފެއިލްވެފައިވާކަން ޔޫއެފާއިން އަންގާފައިވާ އިރު، އޭނާ ޔޫރިން ޓެސްޓުގައި ފުރޮސެމައިޑް ކިޔާ މަނާ ބާވަތެއް ހުރިކަމަށް ބުނެފައިވެއެވެ.

އަޔެކްސްގެ ބަޔާނެއްގައި ބުނެފައިވަނީ އޮނާނާއަށް ނޭނގި އަންހެނުންނަށް ދީފައިވާ ބޭސްތަކެއް ކެވުނީ ކަމަށެވެ. އެގޮތުން ބަޔާނުގައި ބުނީ ލަސިމަކް ކިޔާ ބޭހެއް އޮނާނާގެ އަންހެނުންނަށް ދީފައިވާ ލިޔުންތައްވެސް އެބަހުރި ކަމަށާއި އޮނާނާ އެއްވެސް ހާލެއްގައި ޔޫއެފާއާއި ފުޓުބޯޅައަށް އޮޅުވާލަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އޮނާނާއަކި އުމުރުން 19 އަހަރުގެ ޒުވާން ގޯލްކީޕަރެކެވެ. އޭނާއަކީ މިވަގުތުވެސް ޔޫރަޕްގެ ވަރުގަދަ ޓީމުތަކުން ލޯއަޅަމުންދާ ގޯލްކީޕަރަކަށްވާ އިރު، ކެރިއަރުން އެއް އަހަރު ދުވަސް ގެއްލުމަކީ ލިބިގެންދާނެ ބޮޑު މާޔޫސް ކަމެކެވެ. މި ސީޒަންގައި އަޔެކްސްއިން ކުޅޭ ޑޮމެސްޓިކް ހުރިހާ މެޗެއްގެ އިތުރުން ޔޫރޮޕާ ލީގު މެޗުތައްވެސް އޮނާނާއަށް ގެއްލޭ އިރު، އޭނާގެ ގައުމު ކެމަރޫންއާއެކު ކުޅެން ތައްޔާރުވެފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މެޗުތައްވެސް އޮނާނާއަށް ގެއްލޭނެއެވެ.

އޮނާނާގެ މައްސަލައާ ގުޅިގެން އަޔެކްސްގެ މެނޭޖިން ޑިރެކްޓަރު، މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު އެޑްވިން ވެންޑަސާ ބުނެފައިވަނީ މަނާ އެއްވެސް ބޭހެއް ބޭނުން ކުރުމަށް އަޔެކްސްއިން އެއްވެސް ވަރަކަށް ފުރުސަތު ނުދޭނެ ކަމަށާއި، ކުޅިވަރުގެ ތެރެއަށް އެފަދަ އެއްވެސް ކަމެއް ގެންނަން އަޔެކްސްއިން ދުވަހަކުވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އޭގެ އިތުރުން ވެންޑަސާ ބުނެފައިވަނީ އޮނާނާއަކީ ވަރަށް ޕްރޮފެޝަނަލް މޮޅު ގޯލްކީޕަރެއް ކަމަށާއި، ޔޫއެފާގެ ނިންމުމާއެކު ކެރިއަރަށް މާޔޫސްކަން ކުރިމަތިވެފައިވާ ކަމަށެވެ.