ޝަހީދާ އަބްދުﷲ ސައީދު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ރާއްޖެއިން ސިޔާސަތުތަކެއް އެކަށައަޅަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ އެކަމަނާގެ އަރިހަށް، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މިސް ކެއިކޯ ޔަނާ، މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރު ޝިދާތާ ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ޖަޕާނަކީ ނަމޫނާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖެއިން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން ސިޔާސަތުތަކެއް އެކަށައަޅަމުން އަންނަ ކަމަށާއި ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާތީ އިޖުތިމާއީ ހިދުމަތްކާއި އަސާސީ ހިދުމަތްތައް ދިނުމުގައި އެކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ މިނިސްްޓްރީގެ މެންޑޭޓު އިތުރަށް ފުޅާވެފައިވާތީ ތަފާތު ދާއިރާތަކުން ޖަޕާނުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަަފުޅުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އެގައުމުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
އަދި އެދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.