ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، އިސްލާހުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު، ހާއްސަ ކޮމެޓީއެއް އެކުލަވައިލައްވައިފިއެވެ.
މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމެޓީގައި ހިމެނެނީ ސަރުކާރުގެ އޮފިޝަލުންނާއި އަމިއްލަ ވިޔަފާރިވެރިންނާއި އޮޑިޓަރުންގެ އިތުރުން ގާނޫނީ ބޭފުޅުން ކަމަށެވެ.
އަދި އެކޮމެޓީގެ މަސައްކަތަކަށް ވާނީ ޓެެކްސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި އެނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ޓެކްސް ގާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ބެލުން ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ފައްޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތައް ރަޖިސްޓްރީކުރުވީ މީރާއިން ތަންތަނަށް ގޮސް އެފަދަ ފަރާތްތަކަށް ރަނގަޅު ނޫން ތަސައްވުރެއް ދައްކައިގެން ކަމަށެވެ.
އަދި އެކަން މީރާއަށް އަމިއްލައަށް ރޫލިންނެއް ނެރެގެން ހައްލުކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވެއެވެ.