ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

އިގުތިސޯދީގޮތުން އަންހެނުންގެ ހިއްސާކުޑަވުމުން އިންތިޚާބުތަކުގައި ގޮންޖެހުންތައް ކުރިމަތިވޭ: ސިދާތާ

ޝަހީދާ އަބްދުﷲ ސައީދު

އިގުތިސާދީ ގޮތުން އަންހެނުންގެ ހިއްސާކުޑަވުމުގެ ސަބަބުން އިންތިޚާބުތަކުގައި އަންހެނުންނަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއިކުރުމަށް ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އިންތިޚާބުތަކުގައި އަންހެނުން ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އިންތިޚާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އެގޮތުން އިގްތިސޯދީ ގޮތުންނާއި މުދަލުގެ އޯނާޝިޕް އޮތުމުގައި އަންހެނުންގެ ހިއްސާ ކުޑަވުމާއި މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ކުޑަ ކަމަށާއި އޭގެ ސަބަބުން އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުރަސްތައް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭތޯ، މިއީ ސުވާލަކަށް ވެގެންވެސް ނުވާނެ ކަމަށެވެ.

އަދި ހަމައެކަނި އަންހެނުންނަކީ ރަށުތެރެސާފުކޮށް ކެއުން ބުއިމުގެ ކަންކަން ހަމަޖައްސަން ތިބޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ވެސް މުޖުތަމައުގައި އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.