ރިޔާސީ އިންތިހާބުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިޔައީ ގާނޫނޫ އިމުގެ ތެރެއިން ކަމަށާއި ކަޅު ފައިސާއާއި ނުފޫޒުގައި ދުވަހަކު ވެސް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
މިއަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލަން ޖެހުނު ޕީޕީއެމްއިން ދަނީ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
"ރިޔާސީ އިންތިހާބުގައި އެންމެހާ ކަންތައްތައް ކުރިއަށް ގެންދިޔައީ ﷲގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން. އިރާދަކުރެއްވިއްޔާ ކަޅުފައިސާއާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނަން. އަދި ގާނޫނާ ހިލާފު ނުވާނަން،" އަކްރަމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކުވެފައެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެކެވެ. އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރޭ ޕީޕީއެމުން ބޭއްވި މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ އޯޑިއޯ ކްލިޕްގައި ދެކެވުނު ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.