ޝިފާ މުހައްމަދު

މަގުމައްޗަށް ކުނިއަޅާ މީހުން ބޮޑުތަނުން ޖޫރިމަނާނުކޮށް ވާކަށްނެތް: މާލެ ސިޓީ ކައުންސިލު

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ބޮޑުތަނުން ޖޫރިމަނާނުކޮށް އެކަން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

''ވަންއޮންލައިން"އަށް މައުލޫމާތުދެއްވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތަކަށް ކުނިއެޅުމުގެ މައްސަލައަކީ މިހާރު އާންމު ރައްޔިތުންނަށާއި ކުނިނަގާ ފަރާތްތަކަަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

މާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ހަމައެކަނި ސިޓީ ކައުންސިލާއި ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އިޖުތިމާއީ ކަންކަމުގައި ހުރިހާ ފަރާތްތަކެއްގެ ވެސް ޒިންމާއެއް އޮންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

''މަގުތަކަށް ކުނިއެޅުން މިއީ މިހާރު ދެން ބަޔަކު ޖެއްސުމަށް ކުރާކަމެއް. ކުނިއަޅާ މީހުން ބޮޑުތަނުން ޖޫރިމަނާކޮށްގެން ނޫނީ އެކަން ހުއްޓުވޭނެ ގޮތެއްނެތް. ކުނިއަޅަންވީމަ ވަކިތަނެއް ނުބަލައި އަޅަމުންގެންދަނީ. ވެމްކޯއަކީ މަގުތަކަށް އަޅާކުނި ނަގަންތިބި ބައެއް ނޫން.'' ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މުޖުތަމައުގެ ސާފުތާހިރުކަމަށް ލޯބިކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި އަދި މާލެތެރެ ސާފުތާހިރުކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާއިރު، އެކަން ކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ޖެއްސުމަށް މަގުތަކަށް ކުނިއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަގުތަކަށް ކުނިއަޅާ މީހުން ބޮޑުތަނުން ޖޫރިމަނާކުރުމާ ގުޅޭގޮތުން ޝިފާ ވާހަކަދެއްކެވިއިރު އެޗްޕީއޭއިން މިހާރުވެސް ގެންދަނީ މަގުތަކަށް ކުނިއަޅާމީހުންގެ ނަންތައް އާންމުކޮށް އެފަރާތްތައް ޖޫރިމަނާކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް ހަތަރު މީހެއްގެ ނަން އާންމުކޮށްފައިވެއެވެ.