ޕޮލިސް

ސިޔާސީގޮތުން ނާޖާއިޒު ފައިދާއެއް ހޯދަން ފުލުހުންނަށް ނުފޫޒު ފޯރުވުމަށް ޖާގައެއް ނުދޭނަން: ހަމީދު

ސަރުކާރާ އިދިކޮޅު ފަރާތެއްގެ މައްޗަށް ނާޖާއިޒު ވަކި ފައިދާއެއް ހޯދުމަށް ފުލުހުންގެ މުއައްސަސާއަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ޖާގަ ނުދެއްވާނެ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ އޭނާއަށް އެފަދަ ސިޔާސީ ނުފޫޒެއް ނުފޯރާ ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ވެސް ނުދެއްވާނެ ކަމަށެވެ.

"މިސާލަށް ވަކިގޮތަކަށް މިވެނި ކަމެއް ކުރަން، އަޅުގަނޑުމެންގެ މަސައްކަތުގައި އެ އޮންނަން ޖެހޭ މިނިވަންކަމުގެ ތެރެއަށް އެއްވެސް ފަރާތަކުން އެ ނުފޫޒެއް ފޯރައިފި ކަމަށްވަންޏާ، މިސާލަކަށް ސިޔާސީ ގޮތުން ވެރިކަމުގައި ތިއްބަވާ ފަރާތަކުން އެ ފަރާތާ އިދިކޮޅު ފަރާތެއްގެ މައްޗަށް ނާޖާއިޒު ވަކި ފައިދާއެއް ހޯދުމަށްޓަކައި ފުލުހުންގެ މުއައްސަސާ ނުވަތަ ފުލުހުންގެ މުއައްސަސާއިން ކުރެވެމުންދާ މަސައްކަތެއްގެ މައްޗަށް ބާރު ފޯރުވައި، ނުރަނގަޅު ނުފޫޒު ފޯރުވާކަށް ހަމަގައިމު ވެސް އަޅުގަނޑެއް ޖާގައެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ތެރޭގައި ވަކި ސިޔާސީ ފަރާތެއް ކަމުގައިވިޔަސް، އެ ފަރާތަކާ މެދު ކުރެވޭ ތަހުގީގަކާ ގުޅިގެން އެއްވެސް މޭރުމަކުން ސިޔާސީ ގޮތުން ވަކި ފައިދާއެއް ހޯދުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ދައުރަށް ވެސް އަލިއަޅުވާލައި ވާހަކަދައްކަވައިފައެވެ.

"ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އައްޔަންކުރައްވާ ބޭފުޅެއް. އެބޭފުޅުންގެ ވަރަށް ބޮޑު ފޯކަސްއެއް އެއީ އަޅުގަނޑުމެންނަށް ހާއްސަގޮތެއްގައި އެއިރެއްގައި އޮންނަ ސަރުކާރަކުން އަޅުގަނޑު ކުރިން ފާހަގަކުރި މެންޑޭޓާ ގުޅުން ހުރި ސިޔާސަތުތައް، މިސާލަކަށް ކުށް މަދުކުރުން، ރައްޔިތުންގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުން، ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލިޒަމްއާއި ތަރައްގީއަށް ކުރަންޖެހޭ ކަންތައްތަކާ ގުޅުން ހުރި ސިޔާސަތުތައް ބައްޓަންކުރުން، އަދި ސިޔާސަތުތައް ތަންފީޒުކުރަމުންދޭތޯ ބެލުން. އެއީ އެބޭފުޅުންގެ ދައުރަކީ،" އޭނާ ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ބާރާއި މަތިކޮށްފައިވާ ޒިންމާއާއި މެންޑޭޓާ ފުށުއަރާ ނުވަތަ އެ މެންޑޭޓެއްގެ ތެރޭގައި މަސައްކަތްކުރާ ގޮތް ކިޔައިދިނުމަށް ފުލުހުން ހަދަންވާ ގޮތްތައް ބުނެދިނުން އެއީ ބަލައިގަންނާނެ އަދި ޖާގަ ދޭނެ ކަންތައްތަކެއް ވެސް ނޫން ކަމަށެވެ.