ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިކޭ ވާހަކަ ދައްކާ އިރު، އެކަން ފަށަނީ ކޮންބައެއްތޯ ބަލައިލަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް ބައެއް މެންބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް މިހެން ވިދާޅުވެފައިވާ އިރު، ކުރިއަށް އޮތް މަޖިލިސް ވެގެންދާނީ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށާއި އެމްޑީޕީއަށް މެޖޯރިޓީ ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
"މަޖިލީހުގެ މެންބަރުން ވިކޭ ވާހަކަ، ނުވަތަ އަނެއް ބަޔަކު ވިކޭ ވާހަކަ ދައްކާ އިރު، އެކަން ފަށަނީ ކޮންބައެއްތޯ؟،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވެފައިވާ އިރު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ޑީއާރްޕީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އޭރު އެ މެންބަރުން ޕާޓީ ބަދަލުކުރުމަށް ފައިސާ ހުށަހެޅުއްވި ކަމުގެ ތުހުމަތު ވެސް ގިނަ ބަޔަކު ކުރަމުންދިޔައެވެ. އެއަށްފަހު އެހެން ޕާޓީތަކުގެ ޓިކެޓުގައި 2014ގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވިއެވެ. އަދި ދައުރުގެ ފަހުކޮޅު ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިއެވެ.