އެއް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔާ ކަންތައް ވާނެ ގޮތް އިއްޔެއާއި އިހަށް ދުވަހު ވަރަށް ސާފުކޮށް ދައްކައިދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ޖުމްހޫރީ ޕާޓީއަށް އަލަށް ބައެއް މެމްބަރުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް މިހެން ވިދާޅުވެފައިވާ އިރު، ވެރިކަން ކުރާ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުނީމާ ކަންތައްތައް ވެގެންދިޔަ ގޮތް މިއޮތީ ފެންނަން ކަމަށާއި ރާއްޖޭގެ މުއައްސަސާތައް ހަލާކުވެގެން ދަނީ ވެރިއަކަށް ހުންނަ މީހާ ނުބައިގޮތަށް ގާނޫނުގެ ތެރެއަށް އަތްބާނާތީ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ވެރިކަން ކުރާ ބައެއްގެ އަތްމައްޗަށް އަތުވެއްޖެއްޔާ ކޮންމެ ގޮތަކަށް ގާނޫނު އަސާސީ އޮތަކަސް އެކަން ބަދަލުކޮށްލާތަން 2008 އިން ފެށިގެން ފެންނަމުންދާ ކަމަށާއި ވަކި ބަޔަކަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނީ ދިވެހިރާއްޖެ ކުރިއަކަށް ނުދާނެއޭ ބުނާ އިރު، މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަންކުރިގޮތް އޮތީ ފެންނަން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ 2019 ވަނަ އަހަރު އެއް ޕާޓީއަކަށް ލިބިގެންދިޔައީމާ އޮތީ ރައްޔިތުންނަށް ނުރައްކަލެއްތޯ ނުވަތަ ރައްކާތެރިކަމެއްތޯ، މިއީ އަޅުގަނޑު ހިސާބު ޖަހާލަން ޖެހޭ ކަމަކީ. މާޒީން އިބުރަތް ހާސިލުކުރަންވީ. ފެނިގެންދިޔަ މަންޒަރުތަކުން މަންޒަރު ކުރައްސަވާލަންވީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި ވަނީ ކެމްޕެއިން ދުވަސްވަރު އެންމެންވެސް ވައުދުވެ އެއްބަސްވުން ހަދާ ކަމަށާއި މަގާމަށް ހޮވުމަށް ފަހު އެ ހުރިހާކަމެއް ހަނދާންނެތި، އަމިއްލަ ބާރުވެރިކަން ބެނުންވެގެން އުޅޭކަން ފާހަގަކޮށްފަ އެވެ. ނަމަވެސް މިއީ މިސަރުކާރުގެ ވާހަކަ ނޫން ކަމަށާއި މިސަރުކާރުން މިފަދަ ކަމެއް ފެނިއްޖެ ހާލަތެއްގައި ޖުމްހޫރީ ޕާޓީން އެކަމަށް އަޑު އުފުލާނެކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހު ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ކޯލިޝަނުން މަޖިލީހުގައި ވާދަކުރާނެ ވަކި ގޮތެއް ނުނިންމި، ކޮންމެ ޕާޓިއަކުން އެ ޕާޓީއެއް ބޭނުން ދާއިރާތަކަކުން ކެންޑިޑޭޓުން ނެރުމަށް ވަނީ ނިންމައިފަ އެވެ.