މާލޭ ސިޓީ ކައުންސިލް

މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ: ޒިޔާދު ބާގިރު

ޝަހީދާ އަބްދުﷲ ސައީދު

1

މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަށް ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ގޮވާލައްވައިފިއެވެ.

ޑރ. އަހުމަދު ޒިޔާދު މިހެން ވިދާޅުވީ ޗާންދަނީ މަގު ދެކުނުކޮޅުގައި ހުރި ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމައްޗަށް ގިނަ އަދަދެއްގެ ކުނި އެޅި މައްސަލައިގައެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ޑރ. ޒިޔާދު ވިދާޅުވީ މިސްކިތްތަކަކީ މާތްﷲ ތައާލާގެ ގެކޮޅުތަކަށް ވީހިނދު، އެފަދަ ފުރައްސާރަކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

އަދި އެނޫން ތަންތަން ހުއްޓައި ކުނި އުކާލެވެންދެންވެސް އެ އަމަލު ހިންގި ބަޔަކަށް ފެނުނީ މިސްކިތުގެ ދޮރުމައްޗާއި ގޯތިތެރެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ބ. އޭދަފުށީގައި މިއަދު ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް މިސްކިތުގެ ގޯތިތެރެއަށް ވަން މައްސަލަ ވެސް ޒިޔާދު ފާހަގަކުރެއްވިއެވެ.

ޗާންދަނީ މަގު ދެކުނުކޮޅުގައި ހުރި ޖަލާލުއްދީން މިސްކިތުގެ ދޮރު ކުރިމައްޗަށާއި ގޯތިތެރެއަށް ގިނަ އަދަދެއްގެ ކުނިއެޅި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ކުނިއެޅިމީހާ ހޯދުމަށް ފުލުހުންނާއި ސޮޓީ ކައުންސިލާ ވެމްކޯއިން މަސައްކަތް ފަށާފައިވާކަމަށެވެ.

އަދި އެކަން ސިޓީ ކައުންސިލުން ވަރަށްބޮޑަށް ކުށްވެރިކުރައްވާ މޭޔަރު ޝިފާ ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ މިސްކިތުގެ ދޮރުމައްޗަށް ކުނިއެޅި ބަޔަކު އެޅި ޖެއްސުމަށް ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި ގަސްދުގައި ނޫން ގޮތަކަށް މިސްކިތެއްގެ ދޮރުމައްޗަށް އެހާގިނަ އަދަދެއްގެ ކުނި ނާޅާނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ޖަލާލުއްދީން މިސްކިތަށް ވަންނަ މައި ދޮރު ބަންދުވާ ގޮތައް ގިނަ އަދަދެއްގެ ކުނިއަޅާފައިވާ މައްސަލައިގައި މީސް މީޑިއާގައި ގިނަބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމީހަކު ހޯދައި ހަރުކަށި ފިޔަވަޅުއެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟