ޝަހީދާ އަބްދުﷲ ސައީދު
ޗާންދަނީ މަގު ދެކުނުކޮޅުގައި ހުރި ޖަލާލުއްދީން މިސްކިތުގެ ދޮރު ކުރިމައްޗަށް ކުނިއެޅި މިހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ޖަލާލުއްދީން މިސްކިތުގެ، ދޮރު ދަށަށް ކުނިއެޅި މީހާ ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި، ފުލުހުންނާއި، ވެމްކޯ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ޝިފާ ވިދާޅުވީ ފަހަކަށް އައިސް މާލޭގެ މަގުތަކަށް ކުނިއަޅާމިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، އެކަން ކުރާ ބަޔަކު އެކަން ކުރަމުންދަނީ ޖެއްސުން ކުރުމުގެ އުސޫލުން ކަމަށެވެ.
'' ރޭގެ ވަގުތެއްގައި އެހެރީ ޖަލާލުއްދީން މިސްކިތުގެ، ހަމަ ސީދާ ދޮރާ ދިމާލަށް އެތައްބައިވަރު ކުންޏެއް އަޅާފައި. މިސްކިތެއްގެ ކުރިމައްޗަށް ގަސްދުގައި ނޫން ގޮތަކަށް އެވަރަކަށް ކުންޏެއް ނާޅާނެ. ކުނިއެޅިމީހާ މިދަނީ ހޯދަމުން. ވެމްކޯ އަކީ ގޭގެއިން މަގުމައްޗަށް އަޅާކުނި ނަގަންތިބި ބައެއްނޫން.'' ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މަގުތަކަށް މީހުން ކުނި އަޅަނީ އެއްވެސް ޖެހިލުމެއްނެތި ކަމަށެވެ. އަދި މާލޭގެ ގެތަކުން ކުނި އުކާލުމަށް ވެމްކޯއިން އަމަލުކުރާ އުސޫލުތައް ނޭނގޭ މީހަކު އުޅެދާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
ޖަލާލުއްދީން މިސްކިތުގެ ދޮރު ކުރިމައްޗަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާ މައްސަލަ ކުށްވެރިކުރައްވައި ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމެއްގައި މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޖަލާލުއްދީން މިސްކިތަށް ވަންނަ މައި ދޮރު ބަންދުވާ ގޮތައް ގިނަ އަދަދެއްގެ ކުނިއަޅާފައިވާ މައްސަލައިގައި މީސް މީޑިއާގައި ގިނަބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމީހަކު ހޯދައި ހަރުކަށި ފިޔަވަޅުއެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.