އެމްޕީއެލް

މާލެއާއި އައްޑޫގައި ދޭ ބަހުގެ ޚިދުމަތް ތަފާތު، އައްޑޫގައި ސުކޫލު ބަހަށް ފީ ދައްކަންޖެހޭނެ: އެމްޕީއެލް

ޝަހީދާ އަބްދުﷲ ސައީދު

1

މާލެއާއި އައްޑޫ ސިޓީގައި ދެމުން އަންނަ ބަހުގެ ޚިދުމަތް ތަފާތުވާނެ ކަމަށާއި އައްޑޫ ސިޓީގައި ސުކޫލު ކުދިންނަށް ޚާއްސަކޮށްފައިވާ ބަހުގައި ދަތުރުކުރާނަމަ ފީދައްކަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އިއްޔެ ނޫސްވެރިންނަށް މައުލުމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާލެ ސިޓީގައި ދުއްވާ ބަހުގައި ދަތުރުކުރާ ސުކޫލު ކުދިން، ޔުނީފޯމުގައި ތިބޭއިރު ހިލޭ ދަތުރުކުރެވިފައި އައްޑޫ ސިޓީގައި ޔުނީފޯމުގައި ތިބޭ ސުކޫލު ކުދިންނަށް ހިލޭ ދަތުރު ނުކުރެވޭތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެމައްސަލައިގައި ޝާހިދު ވިދާޅުވީ މާލެއާއި އައްޑޫގައި ދެވޭ ބަހުގެ ޚިދުމަތް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ސުކޫލު ކުދިންނަށް ޚާއްސަކޮށް ވަކިން ބަހުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ކުދިން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ކުދިންނަގައިގެން ސުކޫލަށް ގެންގޮސް ގެނައުމުގެ މަސައްކަތްކޮށްދޭއިރު އެކަމަށް ފީއެއް ނަގަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގައިވެސް އާންމުންނަށް ޚިދުމަތް ދިނުމަށް ދުއްވާ ބަހުގައި ދަތުރުކުރާ ސުކޫލު ކުދިން ޔުނިފޯމުގައި ބަހަށް އަރާނަމަ އެ ދަރިވަރުންއަތުން ފީ ނުނަގާނެ ކަމަށެވެ.

އަދި އައްޑޫގައި ދެ ޚިދުމަތެއް ދެވޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މާލޭގައި އެގޮތަށް ސުކޫލުކުދިންނަށް ހިދުމަތް ނުދޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟