އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ބިރު ދައްކައި، މަރުގެ އިންޒާރު ދީފިއެވެ.
ސޮލާހަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭގެ ވަގުތެއްގައި ބިރު ދައްކައި، މަރުގެ އިންޒާރު ދިންކަން އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.
"ރޭ 12:30 ހާއިރު ލޮނުޒިޔާރަތް މަގުން މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ސޮލާހަށް ބިރު ދައްކައި، އޭނާއަށް އިންޒާރުދިން. މިހާރު އެކަން ފުލުހުންނަށް ވަނީ ހުށަހަޅާފައި،" އީސީގެ އޮފިޝަލް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކުވެފައެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެކެވެ. އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރޭ ޕީޕީއެމުން ބޭއްވި މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ އޯޑިއޯ ކްލިޕްގައި ދެކެވުނު ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.