ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ޗައިނާގެ މަހުޖަނު ޖެކް މާ ގެއްލުނީއެއް ނޫނެވެ. ސައިޒް އޮޅުމުން އިސްލާހު ކުރަނީއެވެ.

އިމާދު ލަތީފު

1

އޭޝިޔާ ބައްރުގެ އެމޭޒަން ކުންފުންޏަކީ އަލީބާބާއެވެ. އަލީބާބާގެ މުވައްސިސަކީ އަދި ޗައިނާގެ އެންމެ ބޮޑު އަދި މަޝްހޫރު އެއް މަހުޖަނަކީ ޖެކް މާ އެވެ. ފާއިތުވީ ދިހަވަރަކަށް އަހަރު ޗައިނާގެ އުދަރެހުގައި އެޔަށްވުރެ ވަކިން އުހުގައި އުދުހުނު އެހެން މަހުޖަނަކު ނުވެއެވެ. އެކަމަކު އެ އުދުހުން ނިމުމަކަށް އަތުވެއްޖެއެވެ. ޖެކް މާ ގެ ވަރަ ބިނދިއްޖެއެވެ. އާއްމުންގެ ލޯތަކަށް އޭނާ ގެެއްލިއްޖެއެވެ. ވީނުވީއެއްވެސް ނޭނގި ގެއްލުނީއެވެ. ވީތަނެއް ދެނަހުރި މީހަކުވެސް ނެތްކަހަލައެވެ. އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުރި ޖެކް މާ މިހާރު ކޮބައިބާވައެވެ.

ޖެކް މާ އަކީ ވަރަށް އާދައިގެ ފެށުމަކުން ފަށައިގަތް މީހެކެވެ. އެއީ ތަންކޮޅެއް ކުރީގައި އިނގިރޭސި ކިޔަވައިދޭ މުދައްރިސެކެވެ. އިންޓަރނެޓް ފުޅާވެގެން އައިތަން ދެކޭން ހުރެފައި ޒަމާނީ މުވާސަލާތުގެ ވިޔުގައެއްގެ ތެރެއިން ވިޔަފާރިކުރެވޭނޭ ބުއްދި ނެރެގެން އެވިޔަފާރި ފަށައިގަތް މީހެކެވެ. ކުރިއަރައިގެން މުއްސަނދި ވަމުން އައީ ނުހަނު އަވަހަށެވެ. ޗައިނާގެ ކޮމިއުނިސްޓް ނިޒާމުގެ ތެރެއިންވެސް ވިޔަފާރި ކުރިއެރުވޭނޭ ކަމާއި މުއްސަނދިވާން ހަމަކޮންމެ މީހަކަށްވެސް ފުރުސަތު އޮތްކަން ދައްކަން ޗައިނާ ސަރުކާރުންވެސް ބޭނުން ކުރަމުން އައި މިސާލަކީ ޖެކް މާ އެވެ. ޗައިނާގެ ސިޔާސީ އަދި ދުސްތޫރީ ނިޒާމަށް ތާއީދުކުރާކަން ދެއްކުމަށްޓަކައި ޖެކް މާ ވަނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާވެސް ގުޅިފައެވެ.

އުދުހޭނޭ އުސްމިނެއްގައި އުދުހޭން އަދި އުދުހޭނޭ ހިސާބެއްގައި އުދުހޭން ޖެކް މާ އަށް ލިބިފައިއޮތް މިނިވަންކަމުގެ ސަބަބުން ސިޔާސީގޮތުން ގޯޅިއެޅޭގޮތް މެދުވެރިވީކަމަށްވެސް ވެދާނެއެވެ. ފަހަކަށް އައިސް ޗައިނާ ސަރުކާރުގެ އިގްތިސާދީ ބައެއް ސިޔާސަތާއި މާލީ ބައެއް ސިޔާސަތަށް ކޮންމެވެސް ސިފައެއްގައި ޖެކް މާ ވަނީ ފާޑުކިޔައިފައެވެ. މައްސަލަތައް ފެށުނު ހިސާބަކީ ނުވަތަ މައްސަލަތައް ފެށެން މެދުވެރިވި ހިސާބަކީ އެއީއެވެ. އެއީ ސަރުކާރާއި މުޑިއެރި ހިސާބެވެ. ޖެކް މާ އަށް އާދެވިފައިހުރި ހިސާބުން އެއްވެސް ބިރުވެރިކަމެއް ހުރަހެއް ގޮންޖެހުމެއް ނެތޭ އޭނާއަށް ހީވީތޯއްޗެކެވެ. ތަންކޮޅެއް ދޭތެރެ އަވަސްކޮށް ޗައިނާގެ ބޭންކިން ސިޔާސަތަށް އޭނާގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ޖެކް މާ ގެ ޚަބަރެއް ހިލަމެއް ނުވާތާ މިހާރު ދެމަހަށްވުރެ ގިނަވީއެވެ. މިކަމާ ދޭތެރޭ ވިސްނާ މީހުން ޔަގީންކުރާ ގޮތުގައި ޗައިނާ ސަރުކާރުން ޖެކް މާ ގެ ވަރަ ކޮށައިލީއެވެ. ނުވަތަ ބިންދައިލީއެވެ. ސަރުކާރަށް ނުސީދާގޮތެއްގައިވެސް ފާޑުކިޔުމުގެ އަގު އަދާކުރަން ޖެހުނީއެވެ. ކިތަންމެ ބޮޑު މަހުޖަނަކަށްވިޔަސް އަދި ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ވިޔަފާރީގެ އުފެއްދުންތެރި ސިކުނޑިއަކަށްވިޔަސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ސަރުކާރަށްވުރެ ބޮޑު ނުވެވޭނެކަން ބުނެދިނުމުގެ ވަގުތު އައީއެވެ. އުމުރުން 56 އަހަރުގެ ޖެކް މާ ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމަށްވުރެ ގާތީ ސަރުކާރާމެދު އޭނާގެ ވިސްނުން އިސްލާހުވަންދެން ޗައިނާގެ ކޮންމެވެސް ހިސާބަކަށް އަރުވާލާފައި ބެހެއްޓުމެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މީޑިއާއަށް ހިލަން ނުވާނޭ ގޮތެއްގެ މަތިން ޖެކް މާ މިވަގުތު ހުރީ ސިންގަޕޫރުގައެވެ. އެކަމަކު ޗައިނާއިން މިޒާތުގެ މީހުން ކިޔަމަންތެރިކުރަން ބޭނުންކުރާ އުސޫލުތައް ދަންނަ މީހުން ބުނަނީ އޭނާ ހުރީ ސިޔާސީގޮތުން ގޯޅިއަޅާ މީހުން އިސްލާހުކުރަން ބަައިތިއްބާ ޚާއްސަ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއްގައި ކަމަށެވެ. މަހުޖަނުންނާއި މަޝްހޫރު އެނޫން މީހުންވެސް ދޭތެރެޔަކުން މަގުން ކައްސާލީމާ ސަރުކާރުން ބޭނުންވާ މަގަށް ރުޖޫއަވަންދެން މިގޮތަށް އިސްލާހިއްޔާއެއްގައި ބެހެއްޓުމަކީ އާއްމުގޮތެއްގައި އެގައުމުން ކުރާ ކަމެކެވެ. ކޮމިއުނިސްޓް ޕާޓީގެ މުޖައްރިބު އުކުޅެކެވެ.

މިޒާތުގެ މީހުން އިސްލާހުކުރަން ޗައިނާއިން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އެކަހެރި ތަނެއްގައި ކޮމިއުނިސްޓް ފިކުރުގެ މީހުންނާއެކު ބަހައްޓައި ކޮމިއުނިޒަމްގެ ފިލާވަޅުތައް ނަގައިދިނުން ހިމެނެއެވެ. ހަޔެއްކަމަސް ދުވަހު އެގޮތަށް ބަހައްޓައިފައި އިސްލާހުވެއްޖެކަމުގެ ނިޝާންތައް ފެންނާން ފެށީމާ ދޫކޮށްލައިފާނެއެވެ. ޗައިނާގެ ވަރަށް މަޝްހޫރު ފިލްމީ ތަރިޔަކާމެދުވެސް ދާދިފަހުން މިގޮތަށް އަމަލުކުރިއެވެ. ޓޮމް ކްރޫޒާއި ބިލް ގޭޓްސްފަދަ ހުޅަނގުގެ މަޝްހޫރު މީހުން އުޅޭހެން ހިތަށް އެރިހައި ވާހަކަތައް ދައްކާން ފެށީމާ އިސްލާހިއްޔާއަކަށް ވައްދައިގެން އަލުން ދަރިވަރުކުރީއެވެ. ހުޅަނގުގެ ފިކުރުތަކާއި ދުރުހެލިވެ އެންމެ މޮޅު ނިޒާމަކީ ކޮމިއުނިސްޓް ނިޒާމުކަމަށް ބުނެ ވަކާލާތުކުރާ ހިސާބަށް ދަރިވަރުވީމާ ދޫކޮށްލީއެވެ.

ޖެކް މާ ގެ މައްސަލަތައް ފެށުނީ ސަރުކާރުން ކޮންޓްރޯލްކުރާ ބޭންކުތަކާއި އެ ބޭންކުތަކުގެ ސިޔާސަތަށް ފާޅުގައި އޭނާ ފާޑުކިޔާން ފެށުމުންނެވެ. ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ޝެންހާއީގައި ބޭއްވުނު ބައްދަލުވުމެއްގައި ޖެކް މާ ވަނީ ޗައިނާގެ ބޭންކުތަކަކީ ޒަމާނަށް ނުފެތޭ ބޯދާ ވިސްނުމުގެ ދޫނިހާލިތަކެއް ކަމުގައި ސިފަކޮށްފައެވެ. އޭގެ ކުރިންވެސް މިޒާތުގެ ބައެއް ވާހަކަ ވަނީ ދައްކާފައެވެ. އެކަމަކު ސަރުކާރުން އޭނާއާމެދު ތަފާތު ވިސްނުމެއް ގެންގުޅެ ސައިޒުކޮށްލުމުގެ ޚިޔާލު އުފަންވެގެން އައީ މިދެންނެވި ކޮންފަރެންސަށް ފަހުގައެވެ. ނަތީޖާއެއްގެ ގޮތުން ޖެކް މާ ގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި ވިޔަފާރި އައުގޮތަކަށް އަނބުރައިލުމުގެ މަސައްކަތް ސަރުކާރުން ވަނީ ހުއްޓުވައިފައެވެ. އަދި އޭނާގެ މައިގަޑު ކުންފުނި އޮޑިޓްކޮށް ސާފުކުރުމުގެ މަސައްކަތްވެސް ސަރުކާރުގެ ރެގިއުލޭޓަރުން ވަނީ ފަށައިފައެވެ. ޖެކް މާ ގެއްލުނީ މިކަމުގެ ތެރެއިންނެވެ.

ޖެކް މާ ގެ ވިޔަފާރި އާއި އޭނާގެ ސްޓައިލް ދިރާސާކުރާ މީހުން ބުނާގޮތުގައި ޖެކް މާ ތަންކޮޅެއް މޮޔައީއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންއަށްވުރެ ބޮޑު މީހަކަށް ނުވެވޭނޭކަން އޭނާ ހަނދާން ނެތުނީއެވެ. އެހެންވީމާ ސަރުކާރުން ބޭނުންވީ ބޮޑީ ކާކުކަން ބުނެދޭށެވެ. އެކަން ކުރެވުނީމާ އަދި ޖެކް މާ މައާފަށް އެދި އިސްލާހުވީމާ އޭނާ އެނބުރި އަންނާނެއެވެ. އެކަމަށް އަދިވެސް ދުވަސްކޮޅެއް ނަގާނެއެވެ. ރޫސީވިލާތުގެ މަހުޖަނުން ރައީސް ޕުޓިންއަށް އިޚުލާސްތެރިވާން މަޖުބޫރު ކުރެވިފައި އޮންނަ ގޮތަށް ޖެކް މާ އާއި ދެންވެސް ޗައިނާގެ ހުރިހާ މަހުޖަނުންނަށް ރައީސް ޝީ ޖިންޕިންއަށް އިޚުލާސްތެރިވާން މަޖުބޫރުވާނެއެވެ. އެކަމަށް އިއުތިރާޒު ކުރަންޏާ ޖެކް މާ އަކަސް އެހެން މީހަކަސް ނިޒާމުގެ ތެރެއިން ދާއިމީ ގޮތަކަށް ގެއްލުވައިލުމަކީވެސް ޗައިނާ ސަރުކާރުން ފަސްޖެހޭނޭ ކަމެއް ނޫނެވެ.