ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށް ޑޮލަރު ގަންނަން ނެގި ފައިސާގެ ތެރެއިން އެމްޕީއެލްއަށް ލިބެންޖެހޭ އަށްޑިހަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއަށް އެމްޕީއެލްވެސް ވަދެފައިވާ ކަމަށެވެ.
އެގޮތުން އެކުންފުނިން ސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާ ނެގި ކަމަށާއި އެފައިސާގެ ތެރެއިން މިހާތަނަށް ނުލިބި އޮތް އަށްޑިހަ މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ އެމްޕީއެލްގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުވައްޒަފަކު ނެތް ކަމަށެވެ. އަދި އެފަދަ މުވައްޒަފަކު ހުރިކަން އެނގިވަޑައިގެންފިނަމަ އެމީހަކު ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެކުންފުނީގައި ހިޔާނާތުގެ މައްސަލަތައް ހިނގިޔަ ނުދިނުމަށް ކުންފުނީގެ އޮޑިޓިން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.