ޝަހީދާ އަބްދުﷲ ސައީދު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެއްފަހަރާ މުދާ ބޭލެނީ ދެ ބޯޓަށް ކަމަށާއި އަދި އެއް އަހަރުން އަނެއް އަހަރަށް ގެންނަ މުދާ އިތުރުވަމުންދާ ކަމަށެވެ.
2011 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މުދާ އެތެރުކުރާ މިންވަރު، އޭގެ ކުރިއާ އަޅައި ބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން މުދާ ބާލަން ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށާއި މިހާރު އޮތް ބަނދަރުގެ ތިން ހަތަރު ގުނަ ބޮޑު ޖާގައެއް ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުވާނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވިގެން ކަމަށެވެ. އެމަސައްކަތް މިއަހަރުގެ ތެރޭގައި ފަށާއިރު ތިން އަހަރުގެ ތެރޭގައި ބަނދަރު ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ މުދާ ބޭލުމުގައި ކުންފުނީގެ އިކުއިޕްމަންޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި 2015 ވަނަ އަހަރު އެމްޕީއެލްއަށް ގެނައި ގިނަ އަދަދެއްގެ އިކުއުޕްމެންޓްތައް މިހާރު ހަލާލުވެފައި ކަމަށެވެ.
އަދި ހުރިހާ އިކުއިޕްމެންޓްތައް ރަނގަޅު ނަމަ މުދާ ހިފައިގެން އަންނަ ބޯޓު ހަ ދުވަސްތެރޭގައި ފުރުވައިލެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.